"އަނިޔާވެރިކަން ނިންމުމަށް" އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ މުޒާހަރާގައްޔާއި މުޒާހަރާގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގާ ފަރާތްތަކާ މެދު އަމަން ބަލަހައްޓާ ފަރާތްތަކުން ވަގުތުން ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލާފި އެވެ.

ދިހަ ނުކުތާގެ މައްޗަށް ސަމާލުކަން ދިނުމަށް އެދި އެޗްއާރްސީއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ކަމާ ގުޅުން ހުރި ފަރާތްތަކުން އަމަލު ކުުރުމަށް ގޮވާލާ ކަމަށެވެ. އަދި އަމަން ބަލަހައްޓާ ފަރާތްތަކުން މުޒާހަރާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް އެ ބަޔާނުގައި އެފިފައިވެ އެވެ.

ގާނޫނު އަސާސީގައި ލިބިދީފައިވާ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހެޔޮގޮތުގައި ބޭނުންކުރުމަށް ބުރޫނާރާނެ ގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުތައް ބެހެއްޓުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

"ޚިޔާލު ފާޅުކުރުމުގައި އެހެންމީހުންގެ ހައްގުތަކަށް އިހްތިރާމްކޮށް ލާއިންސާނީ ބަސްމަގު ބޭނުން ނުކުރުމާއި، މީހުންގެ އަބުރާއި އިއްޒަތް ނުގެއްލޭނެ ގޮތަށް ވާހަކަތަކާއި އަމަލުތައް ބެހެއްޓުމަށް،" އެޗްއާސީއެމްގެ ބަޔާނުގައިވެ އެވެ.

ގައުމީ މަަސްލަހަތަށް އިސްކަން ދިނުމާއި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކުމަށް ވެސް އެ ބަޔާނުގައި ވެ އެވެ. އަދި ޚަބަރު ފަތުރާ ވަސީލަތްތަކުން ޒިންމާދާރު ކަމާއެކު ޚަބަރުތައް ގެނެސްދިނުމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އާންމު ހިދުމަތްތަކަށް ހުރަސް އެޅުމަށް އެއްވެސް ފަރާތެއްގެ އަމަލުތައް ނުބެހެއްޓުމަށާއި ސިޔާސީ މަގުސަދެއް ހާސިލް ކުރަން ކުޑަކުދިން ޝާމިލު ނުކުރުމަށް ވެސް އެޗްއާރްސީއެމުން އެދިފައިވެ އެވެ.

އެއްވުން ރޫޅާލަންޖެހޭ ހާލަތެއްގައި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއި ގާނޫނު ތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަން ބަލަހައްޓާ ފަރާތްތަކުން އަމަލު ކުރުމަށާއި ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި 'އެ ހާލަތަކަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ' މިންވަރު އިޚްތިޔާރު ކުުރުމަށް އަމަން ބަލަހައްޓާ ފަރާތަކަށް ވަނީ އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.