30 Apr 2015, 19:03
މަތީ ތަައުލީމަށް ކިޔެވުމަށް ހުޅުވާލި ފުރުސަތުތަކުގެ ތެރެއިން އެއް ފަހަރާ ހުޅުވާލި އެންމެ ބޮޑު ސްކޮލާޝިޕަށް ދަރިވަރުންތައް ހޮވައިފި އެވެ.
ސައުދި އަރައްބިއްޔާގެ ސަރުކާރުން މިއަހަރު ރާއްޖެއަށް ހުޅުވާލި ފުރުސަތުން ހޮވުނު ދަރިވަރުންތަކުގެ ނަަންތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ މިއަދު ސައުދީ ސަރުކާރަށް ފޮނުވާފަ އެވެ.
މީގެ ކުރިން ވެސް ސައުދި ސަރުކާރުން ރާއްޖެއަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލި ކަމުގައިވިޔަސް މިއަހަރު ވަނީ މިހާތަނަށް ދީފައި ނުވާ ވަރަށް ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލަފަ އެވެ. އެގޮތުން މިއަހަރު ސައުދި ސަރުކާރުން ވަނީ ރާއްޖެއަށް 100 ސްކޮލާޝިޕްގެ ފުރުސަތު ދީފަ އެވެ.
އެ ސްކޮލާޝިޕްގެ ފުރުސަތުތަކަށް 161 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެ ސްކޮލާޝިޕްގެ ދަށުން އެކި އެކި ދާއިރާތަކަކުން ޕީއެޗްޑީއަށާއި މާސްޓާސް ޑީގްރީ އަދި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި ސްކޮލާރޝިޕްގެ ދަށުން ސީއްޚީދާއިރާއަށް ޚާއްސަކޮށްގެން ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން މިހާރު ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ވަކިވަކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށް ތަމްރީން ކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވާލެވިގެން ދާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.