އޭއެފްސީ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) މެންބަރުކަން ވޯޓަކާއި ނުލައި ރާއްޖޭގެ ފަރާތުން އެފްއޭއެމްގެ ނޯލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ކާމިޔާބު ކުރައްވައިފި އެވެ.

ވޯޓަކާއި ނުލައި އެކްސްގެ މެންބަރުކަމަށް ޝަވީދު ހޮވިވަޑައިގަތީ އެކްސްކޯއަށް ދެކުނު އޭޝިއާ ސަރަހައްދުން ކުރިމަތި ލައްވާފައިވާ ހަތަރު ކެނޑިޑޭޓުންގެ ތެރެއިން ޝްރީލަންކާގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ވަރުނަކަލަސޫރިޔާ ރަންޖީތު ރޮޑްރިގޯއާ ބޫޓާންގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް ދާސޯ ޔޫގެން ޓަސްޔަޕް ޑޮރުޖީ ނަން އަނބުރައި ގެންދެވުމުންނެވެ.

ޝަވީދުގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުން އެކްސްކޯގެ މެންބަރުކަމަށް ހޮވިވަޑައިގަތީ ޕާކިސްތާންގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް މަޚްދޫމް ސައްޔިދު ފައިސަލް ޞާލިހް ޙައްޔާތެވެ. އޭނާ ވެސް އެކްސްކޯ އަށް ހޮވިވަޑައިގަތީ ވޯޓަކާ ނުލައެވެ.

އެކްސްކޯއަށް 11 މެންބަރުން ތިއްބަވާއިރު އެކޮމިތީއަށް މެންބަރުން އިންތިޚާބު ކުރަނީ އޭޝިއާ ބައްރު ފަސް ސަރަހައްދަކަށް ބަހާލައިގެންނެވެ.

ހަތަރު އަހަރުގެ ދައުރަކަށް އެކްސްކޯއަށް މެންބަރުން އިންތިޚާބު ކޮށްފައިވާއިރު މިދިޔަ ދައުރުގައި މިސަރަހައްދުން އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ ޢާޒިމް އެކްސްކޯއަސް އިންތިޚާބުވެވަޑައިގެންނެވިއެވެ.