ރާއްޖޭގައި އިންސާނީ ހައްގުތައް ލިބިފައިވާ މިންވަރު ޔޫރަޕްގެ ބައެއް ގައުމުތަކަށް ވުރެ ރަނގަޅުވާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރުން ދެ ކަމެއް ކުރުމަށް ގޮވާލައި ޔޫރަޕިއަން ޕާލަމެންޓުން މިއަދު ފާސްކުރި ގަރާރަށް ރައްދު ދެއްވުމަށް ދުންޔާ މިއަދު މީޑިއާތަކަށް ފޮނުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންވަރާއި އެހައްގުތައް ލިބިފައިވާ މިންވަރު ޔޫރަޕްގެ ބައެއް ގައުމުތަކަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

އެގޮތުން ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކާ ހިލާފަށް ރާއްޖޭގައި ކުށްވެރިންނަށް ލާއިންސާނީ އަނިޔާ ނުކުރާ ކަމަށާއި މުޒާހަރާކުރާ މީހުންނާ ދިމާލަށް ބަޑި ޖަހައި، މީހުން މަރާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ދުންޔާ ވިދާޅުވެފައި ވަނީ ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި ގަރާރުގައި ރާއްޖެއާ މެދު ތުހުމަތުކޮށްފައިވާ ކަންތައްތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގައި 2004 ވަނަ އަހަރު އިސްލާހީ އެޖެންޑާ އިއުލާނު ކުރި ފަހުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.

އިސްލާހީ އެޖެންޑާ އިއުލާނު ކުރި ފަހުން ، 2003 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ފާސްކުރި ގާނޫނުތަކުގެ ތެރެއިން 60 ޕަސެންޓް ގާނޫނަކީ ހައްގުތައް ހިމާޔަތް ކުރުމަށާއި ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ފާސްކުރި ގާނޫނުތައް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުލްގައްޔޫމުގެ ވެރިކަމުގައި މިވީ ދޮޅު އަހަރުތެރޭގައި ވެސް އެފަދަ 18 ގާނޫނެއް ފާސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރާއްޖެއަކީ އަބަދުވެސް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރާ ގައުމެއް ކަމަށާއި އެގޮތުން ރާއްޖެއާ އީޔޫއާ ދެމެދު ޕޮލިސީ ޑައިލޮގް އިއްޔެ ބާއްވާފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވެފައިވެ އެވެ.

ޔޫރަމިއަން ޕާލަމެންޓުން މިއަދު ފާސްކުރި އެ ގަރާރުގައި ރާއްޖެ އަށް ގޮވާލާފައި ވަނީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ މީހުންނަށް ހުރަސް އެޅުން ހުއްޓައިލުމަށް ކަމަށް ބީބީސީ ބުންޏެވެ. އަދި މަރުގެ އަދަބު ރާއްޖެއަށް އަލުން ތައާރަފް ކޮށްފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.