އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމަށް އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 19 ވަނަ ބައްދަލުވުމަށް ދިވެހިރާއްޖެއިން ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފި އެވެ.

އެ ގަރާރަކީ އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާތަކުގައި ބޭނުންކުރާ ސްޓޮކް ރިފަރެންސް ޕޮއިންޓް ކަނޑައެޅުމާ ބެހޭ ގަރާރެކެވެ.

އެގޮތުން އެ ގަރާރުގެ ދަށުން އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމާއި އެ މަސްވެރިކަމުގެ ސްޓޮކްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އިތުރު ބާރުއެޅުމުގެ ގޮތުން ހުށަހަޅާފައިވާ އަދި ކަނޑުމަހުގެ ސްޓޮކް އެސެސްމެންޓްތައް ހެދުމުގައި ސައިންސްވެރިން ބަލަންޖެހޭނެ ކަންކަން އަދި ހިފަހައްޓަން ޖެހޭނެ މިންގަނޑުތައް އެކަށާއަޅާނެ އެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ކަޅު ބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ މެރިން ސްޓިވަޑްޝިޕް ކައުންސިލް (އެމްއެސްސީ)ގެ ދެމެހެއްޓެނިވި މަސްވެރިކަމެއްކުރާ ކަމުގެ ސެޓްފިކެޓް ދެމެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރާނެ ގަރާރެކެވެ.

މި މަހު 26 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދެކުނު ކޮރެއާގެ ބުސާންގައި ކުރިއަށްދާ އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައި ވަނީ މެރިން ރިސާޗް ސެންޓަރުގެ ބޭފުޅަކާއި ފިޝަރީޒް މިނިސްޓްރީގެ ބޭފުޅެއްގެ އިތުރުން މިފްކޯގެ ސީއީއޯ އެވެ.