30 Apr 2015, 20:09
ތ. ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ޖަބީންގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާގެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިއަދުގެ ވަގުތެއްގައި އެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ޖަބީން ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ އަތޮޅު މަޑިފުށީ މެޖިސްޓްރޭޓް ކޯޓަށް މި މަހުގެ 21ވަނަ ދުވަހު ގެންދިއުމުން އޭނާ ވަނީ ދޫކޮށްލާފައި އެވެ.
ވިލިފުށީ ކައުންސިލްގެ ރައީސް ހައްޔަރު ކުރީ އެ ރަށުގައި މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންގެ މަސައްކަތަށް ހުރަސް އަޅައި އެމީހުން ބޭނުންކުރާ އޮފީހަށް ވަދެ އޮފީހުގައި ތިބި މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް ހަޅޭއްލަވައި ހެދުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވިލުފުށީގައި މަގުހެދުމުގެ މަސައްކަތް ކުރަމުން އަންނަ ރޯޑު ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ މަގުހެދުމުގެ މަސައްކަތަށް ކައުންސިލްގެ ރައީސް ހުރަސް އެޅީ އެއީ ސަރުކާރުން ކުރާ ކަމަކަށް ވާތީ ކަމަށެވެ.
ނަމަވެސް އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިލުފުށީގައި މަގު ހެދުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް އެ ރަށު ކައުންސިލްގެ ރައީސް ޖަބީން ހުރަސް ނާޅުއްވާ ކަމަށެވެ. އަދި އެ ރަށުގައި ހުރި ނިކަ ގަހެއް ނަގައި އަންދާލި މައްސަލައަކާ ގުޅިގެން ޖަބީން އާއި އެހެން ކައުންސިލަރަކު އެމްއާރްޑީސީގެ ސައިޓް އޮފީހަށް ވަޑައިގެން ސައިޓް މެނޭޖަރާ ސުވާލު ކުރެއްވި ކަމަށާއި އެމްއާރްޑީސީ އިން އެކަން ކޮށްފައި ވަނީ ރަށުގައި ފިތުނަ ފަސާދަ އުފެއްދުމުގެ މަގުސަދުގައި ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.