30 Apr 2015, 17:08
ސުލްހަވެރިކަމާއެކު ކުރާ މުޒާހަރާތައް ޕީޕީއެމުން އަބަދުވެސް ބަލައިގަންނާނެ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން ނާދަމާ ކުރުމަށް ރާވަމުން އަންނަ މުޒާހަރާއަކީ ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކުރަން ރާވާ މުޒާހަރާއެއް ކަމަށް ނުބެލެވޭ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
އެ ޕާތީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގާ ހަގީގީ ސަބަބަކީ ކޮބައިކަން ދެނެގަނެ އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަޝްވަރާގެ ދޮރުތައް އެފަރާތްތަކަށް ހުޅުވަދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފުރުސަތުގެ ބޭނުން ކުރުމަށް އެފަރާތްތަކުން ވަނީ ފާޅުގައި ދެކޮޅު ހަދާފައި ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ. ޕީޕީއެމުން ބުނީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލަން ގޮވާލައި ގައުމުގެ އަމާންކަން ނަގާލުމުގެ މަގުސަދުގައި ބަޔަކު މަގުތަކަށް ނެރެ ހަމަނުޖެހުން އުފެއްދުމަށް ވަކި ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެފަދަ އެއްވުންތަކަށް ގޮވާލާ ބާއްވާ އެއްވުންތަކަކީ ބައިނަލް އަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ވެސް ހިލާފު ކަމެއް ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
"މި މުޒާހަރާތަކުގެ މިސްރާބު ހުރީ ބަޔަކު މީހުންގެ ޒާތީ މަސްލަހަތުތަކެއް ހިމާޔަތްކޮށް އޭގެން ނާޖާއިޒް ފައިދާނަގާ ދިވެހިރައްޔިތުންނަށް ނިކަމެތިކަން ދިނުމަށް ކަމަށް ބެލެވެ އެވެ.."
ޕީޕީއެމްގެ ބަޔާނުގައި ވަނީ އެފަދަ ގޮތަކަށް ހަމަނުޖެހުމަށް މަސައްކަތްކުރާ އެއްވުންތަކުގެ އެޕާޓީގެ މެމްބަރުންނާއި ޕާޓީ އަށް ތާއިދުކުރާ ރައްޔިތުން ބައިވެރިނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.