24 Feb 2011, 22:05
ފީފާގެ އެލީޓް ގްރޫޕްގައި ރާއްޖެ ތަމްސީލުކުރާ ރެފްރީ އަލީ ސަލީމް މެލޭޝިއާގައި ބޭއްވި ކޫޕާރ ޓެސްޓުން ފާސްނުވުމުން އެ ގްރޫޕަށް ރެފްރީކަން ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
މިމަހުގެ 13 ވަނަ ދުވަހު އައްޔަ ބައިވެރިވެފައިވަނީ ކޫޕާރ ޓެސްޓްގެ ރީ ޓެސްޓްގައެވެ. ފުރަތަމަ ބުރުގައިވެސް އޭނާ ބައިވެރިނުވީ އަނިޔާގައި ހުރުމުގެ ސަބަބުން ނެވެ. ނަމަވެސް ރީޓެސްޓްގައި ބައިވެރިވާން ނިންމީ އައްޔަ ބުނި ގޮތުގައި ތަދު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުންނެވެ. "އެކަމަކު 3 ވަނަ ބުރާ ހަމައިން ހަމަ އެއްގޮތަކަށްވެސް ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ހުއްޓާލަން ޖެހުނީ. ދިޔައިރުވެސް މުޅިން ރަނގަޅެއް ނުވޭ. އެކަމަކު ކޫޕާރ ނުޖަހައިފިއްޔާ އެހެން މީހުންނަށް އޮތް ފުރުސަތުވެސް ގެއްލޭތީ ދިޔައީ" އައްޔަ ބުންޏެވެ.
އައްޔަ ބުނީ އޭނާގެ ކަކުލުހުޅަށް އަނިޔާވީ މިިދިޔަ ނޮވެމްބަރ މަހު އޮތް ފީފާ އެމް އޭ ކޯހުގައި ދުވަނިކޮށް ކަމަށެވެ. "ނަމަވެސް ދުވުމުގެ ވަރަށް ބޮޑުބައި ނިންމި ފަހުން އަނިޔާވީ. އެހެންވެ އެ ކޯހުގައި އެބައި ފުރިހަމަ ކުރެވުނު. އެކަމަކު އޭގެ ފަހުން އުޅެން ޖެހުނީ ފައި ނޭޅިގެން" އައްޔަ ބުންޏެވެ.
އައްޔަ ބުނީ މެލޭޝިއާގައި އޮތް ރީޓެސްޓްގައި 9 ރެފްރީއަކު ބައިވެރިވެ 3 ރެފްރީއަކު ފާސްނުވާ ކަމަށެވެ.
އެލީޓް ގްރޫޕަށް ފުރުސަތު ގެއްލުމުން އެލީޓް ގްރޫޕްގައި ދެން ހިމެނޭ ރެފްރީންނަށް އެހެން ފުރުސަތުތައް ލިބިދާނެ ކަމަށް އެފް އޭ އެމުން ވަނީ ބުނެފައެވެ.