30 Apr 2015, 16:58
ރާއްޖޭގައި ސުލްހަވެރިކަމާ އެކު ކުރާ މުޒާހަރާތަކާ ދެކޮޅަށް އަނިޔާވެރި ނުވުމަށާއި މަރުގެ އަދަބު އަލުން ތަންފީޒުކުރަން ނުފަށަން ގޮވާލައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލިމެންޓުން ގަރާރެއް ފާސްކޮށްފި އެވެ.
އީޔޫ އިން ދާދި ދެންމެ ފާސްކުރި އެ ގަރާރުގައި ރާއްޖެ އަށް ގޮވާލާފައި ވަނީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ މީހުންނަށް ހުރަސް އެޅުން ހުއްޓައިލުމަށް ކަމަށް ބީބީސީ ބުންޏެވެ. އަދި މަރުގެ އަދަބު ރާއްޖެއަށް އަލުން ތައާރަފް ކޮށްފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖެއާ ބެހޭ ގޮތުން ގަރާރުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަނޑިޔާރަކު ހައްޔަރުކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، 13 އަހަރަށް ޖަލަށްލާފައިވާ ކަމާއި އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ދިޔައީ އިންސާފުން ނޫންކަމަށް ވަކީލުން ބުނާކަން ހިމެނެއެވެ.
ރާއްޖެއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އެ ގަރާރުގައި ގޮވާލާފައިވާ ކަމަކަށް ބީބީސީގެ ހަބަރުގައި ބުނެފައެއް ނުވެ އެވެ.
ރާއްޖޭގެ މައްސަލަ ޔޫރަޕިއަން ޕާލަމެންޓަށް ހުށަހެޅީ އިއްޔެ އެވެ.