30 Apr 2015, 17:22
ބޯލްޓިމޯރ (އެޕްރީލް 28 ) : އެމެރިކާގެ ބޯލްޓިމޯރގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަރަށް ބޮޑަށް ފުޅާވެ އެ ހަމަނުޖެހުންތައް އެތަށް ރަށަކަށް ފެތުރިގެން ދިޔުމާއެކު އެމެރިކާގެ ފުލުހުން އިންސާނީ ހައްގުތަކަށް އަރައި ގަންނަމުންދާ މައްސަލާގައާއި އެމެރިކާގައި ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ ގޮތްތަކަށް ޗައިނާ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ޗައިނާގެ ރަސްމީ ނޫހެއް ކަމަށްވާ "ޕީޕަލްސް ޑެއިލި" ބުނާ ގޮތުން އެމެރިކާއަކީ ދުނިޔޭގެ ގިނަ ބަޔަކު ހަމަހަމަ ކަމާއި އިންސާފާއި ޑިމޮކްރަސީގެ ރިވެތި އުސޫލުތައް އޮތް ގައުމެއް ނޫނެވެ. އެމެރިކާގެ ކަޅުނަސްލުގެ މީހުންނާ ދެކޮޅަށް އެ ގައުމުގެ ފުލުހުންނާ ކޯޓުތަކުން ވަކި ފަރާތަކަށްޖެހި ބޭއިންސާފުން ކަންތައްތައް ކުރަމުން ގެންދާ ކަމުގެ ހަގީގަތްތައް މިއަދު މި ދަނީ މުޅި ދުނިޔެއަށް ހާމަވެ އެމެރިކާ ބޭޒާރުވަމުން ކަމަށް "ޕީޕަލްސް ޑެއިލި"ގެ އެޑިޓޯރިއަލް ބުނެ އެވެ. އެމެރިކާއިން އެހެން ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ފާޑުކިޔައި އެހެން ގައުމުތަކަށް ޑިމޮކްރަސީ އާއި ހަމަހަމަ ކަމާއި އިންސާފުގެ ފިލާވަޅުތައްދީ އަމިއްލައަށް ނަމޫނާއަކަށް ވެގެންއުޅޭއިރު އެމެރިކާގެ ޙާލަތު އޮތީ މިކަންކަމުގައި އެހެން ގައުމުތަކަށްވުރެ ވެސް ދެރަވަރު ގޮތެއްގައި ކަމަށް "ޕީޕަލްސް ޑެއިލި" ގެ އެޑިޓޯރިއަލް ބުނެ އެވެ.
އެމެރިކާގެ ކަޅުނަސްލުގެ ރައްޔިތުންނާމެދު ފުލުހުން ގެންގުޅޭ ނަސްލީ އިމްތިޔާޒާއި ތަފާތުކުރުމުގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ އިޙްތިޖާޖްތައް ވަނީ ބޯލްޓިމޯރުގެ އިތުރުން ޑެންވަރު، ކެލިފްލޭންޑް، ފާގަސަން، ނިޔުޔޯކް، ވޮޝިންޓަން އަދި ހިޔުސްޓަން ގެ އިތުރުން އެހެން ރަށްތަކަށްވެސް ފެތުރިފަ އެވެ. ނިޔުޔޯކްގެ ފުލުހުން މިއަދު ވަނީ ނަސްލީ އިމްތިޔާޒު ހުއްޓުވުމަށާއި އިންސާފަށް ގޮވާލައި ނިޔުޔޯކްގެ މެންހަޓަން ސަރަހައްދުގައި ކުރި މުޒާހަރާއެއް ބާރުގެ ބޭނުންކޮށްގެން ރޫޅާލައި 60 މީހުން ހައްޔަރުކޮށްފަ އެވެ. އެމެރިކާގެ ބޮޑެތި ރަށްތަކުގައި މިހާރު ކުރިޔަށްދާ އިޙްތިޖާޖްތަކަކީ މިރިލެންޑްގެ ބޯލްޓިމޯރގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަޅުނަސްލުގެ މީހަކު މަރުވުމާ ގުޅިގެން މިހަފްތާ ފެށުނުއިރު ފެށިގެންދިޔަ ކަމެކެވެ. މަރުވި ކަޅުނަސްލުގެ މީހާއަށް އަނިޔާކުރިކަމުގެ ތުހުމަތު މިރިލެންޑްގެ ފުލުހުންގެ މައްޗަށްވަނީ ކުރެވިފައެވެ.
މިމައްސަލައާ ގުޅިގެން ބޯލްޓިމޯރގެ މަގުތަކަށް ނުކުތްމީހުންވަނީ އެމެރިކާގެ ފުލުހުންގެ ޝިކާރައަކަށް ކަޅުނަސްލުގެ މީހުން ވަމުންދާ މައްސަލަ ކުށްވެރިކޮށް އަޑުއުފުލާފައެވެ. އިޙްތިޖާޖް ކުރިމީހުންވަނީ ތަންތަނުގައި ހުޅުޖަހައި ފުލުހުންނަށް ޙަމަލާތައް ދިނުންފަދަ ހަރުކަށި އަމަލުތައްވެސް ހިންގާފައެވެ. މިއިޙްތިޖާޖްތަކާ ގުޅިގެން މިރިލެންޑްގައި މިހާރުވަނީ އެއްވެ އުޅުން މަނާކޮށް ކުއްލި ޙާލަތު އިޢުލާންކޮށްފައެވެ. ބޯލްޓިމޯރ ގެހަމަނުޖެހުންތަކުގައި މިހާތަނަށް 280 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އެމެރިކާގެ އެކި ސްޓޭޓްތަކުގެ ފުލުހުންގެ މައްޗަށްވަނީ އެގައުމުގެ ކަޅުނަސްލުގެ މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކަޅުމީހުންނާމެދު ތަފާތުކުރުމާއި ހަރުކަށިކޮށް މުޢާމަލާތް ކުރުމުގެ ތުހުމަތު ކުރެވިފައެވެ. އަދި މިފަދަ މައްސަލަތައް އެމެރިކާގެ ކޯޓުތަކަށް ހުށަހެޅުމުންވެސް ކަޅުމީހުން މަރައި ދޮން ނަސްލުގެ ފުލުހުން ކުށްވެރިނުވާކަމަށް ހުކުމްކުރަމުން ގެންދާ މައްސަލަވަނީ އެމެރިކާގެ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ.
އެމެރިކާގެ ފުލުހުން މަގްސަދުގައި ދޭ ޙަމަލާތަކުގައި ކަޅުނަސްލުގެ 6 މީހުން ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައިވަނީ މަރުވެފައެވެ. (ރޮއިޓާސް)