30 Apr 2015, 15:48
ށ. ފުނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް 46.5 މިލިޔަން ރުފިޔާގެ އަގައަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެމަސައްކަތް އެމްޓީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބުރާހީމް ޢަބުދުއް ރައްޒާޤު ޙަލީމެވެ.
މިއަދު ހަވާލުކުރި މަޝްރޫއުގެ ދަށުން އެމްޓީސީސީން ފުނަދޫގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައި ވަނީ ގާތްގަނޑަކަށް 3.4 ކިލޯމީޓަރުގެ މަގެވެ. ސަރުކާރުގެ ބަޖެޓުން ހިންގާ އެމަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 320 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފުނަދޫގެ މަގު ހަދާނެ ގޮތުގެ ޕްލޭން
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ ފުނަދޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް އަންނަ ޖޫން މަހު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
".. އީއައިއޭ [އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް]ހެދުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ރާވާފައި މިއޮތީ ވަރަށް ހަލުވި މިނުގައި ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް. އެގޮތުން އެންވަޔަރްމެންޓް މިނިސްޓްރީއާ ވެސް މަޝްވަރާތައް ކުރަމުން މިދަނީ. އަޅުގަނޑުމެން އުއްމީދުކުރަނީ ހަމަ މަހެއްހާ ދުވަސްތެރޭގައި އީއައިއޭ ނިންމައިލުމަށް. ނިންމާލާފައި އެމްޓީސީސީއަށް ފުރުސަތު ދިނުމަށް އަމަލީ ގޮތުން މަސައްކަތް ފަށައިގަތުމަށް. އެހެންކަމުން އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ ހަމަ ޖޫންމަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ އިބުރާހީމް ޢަބުދުއް ރައްޒާޤު ޙަލީމު ވިދާޅުވީ އެމަސައްކަތް އެމްޓީސީސީން ވަރަށް ފުރިހަމައަށް ކުރާނެ ކަމަށެވެ. އެއީ އެކުންފުނީގައި އެމަސައްކަތަށް ގާބިލު ބޭފުޅުން ތިބުމާއި އަދި މަސައްކަތަށް ބޭނުންކުރާނެ ތަކެތި ވެސް ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.