ސިއްހީ ޚިދުމަތްތެރިންގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އިން ދިރާސާކޮށް ނިންމިގޮތަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ 51 މެމްބަރުންގެ ވޯޓުން ނެވެ.

އެ ބިލްގައި ވަނީ ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލަން ވާނެ ކަމަށެވެ.

މިހާރު ހިންގަމުން އަންނަ މެޑިކަލް ކައުންސިލުގައި ބޭނުން ކުރަމުން ގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެކަންކަން އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެކައުންސިލްގެ ޒިންމާތަކާ ވާޖިބުތައް ލިބުމާއެކު ކައުންސިލް އުފެދުނީ ކަމަށް އެ ބިލްގައި ވެއެވެ.

ކޮމިޓީ މަރުހަލާގައި އެންމެ ބޮޑަށް މަޝްވަރާ ކުރަން ޖެހުނު މާއްދާ އަކީ ބިލުގެ 89 ވަނަ މާއްދާގެ (ނ) އެވެ. އެ މާއްދާ އަކީ ކައުންސިލަށް ބަޖެޓު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައިވާ މާއްދާ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ ކައުންސިލުގެ ބަޖެޓަށް ދައުލަތުގެ މާލިއްޔާއިން ބޭނުންވާ ފައިސާ ކޮންމެ ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކަށް ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން ކައުންސިލަށް ދޫކުރަންވާނެ ކަމަށެވެ.

ކައުންސިލްގެ ބަޖެޓުގައި ހިމެނުމަށް ދައުލަތުގެ މާލިއްޔާއިން ބޭނުންވާ ފައިސާގެ އަދަދު ކައުންސިލުން ފާސްކޮށް ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި މާލިއްޔަތު ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ވާނެ ކަމަށް ވެސް އެ ބިލްގައި ވެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ބިލު ހުށަހެޅުއްވީ ރާއްޖޭގެ ސިއްހީ ޚިދުމަތަކީ އާންމުން އިހުތިރާމު ކުރާ އަދި އާންމުން އިތުބާރުކުރާ ހިދުމަތަކަށް ހެދުމަށްޓަކައި ކަމަށެވެ.