ބިދޭސީން ކައުންޓަރުތަކުގައި ބައިތިއްބައިގެން ވިޔަފާރި ކުރަމުން ދިޔަ 22 ފިހާރައެއް ޖޫރިމަނާކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ އެ މިނިސްޓްރީ އިން މާލޭގެ 295 ވިޔަފާރިއެއް ޗެކްކުރި އިރު އޭގެ ތެރެއިން 49 ތަނެއްގެ ކައުންޓަރުގައި ވެސް ތިބީ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން 22 ފަރާތަކަށް ސިޓީ ފޮނުވައި 2000 ރުފިޔާ އިން ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް ތައުފީގް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވަނީ މިގެނެވުނު ބަދަލުތައް ބަލަން ފަށައި ފިޔަވަޅުތައް އަޅަން ފަށާފައި، 22 ފަރާތަކަށް މިހާރު ވާނީ ސިޓީ ފޮނުވާފައި،" ތައުފީގް ވިދާޅުވި އެވެ.

އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީ އިން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ވެސް މާލޭގެ ފިހާރަތައް އެކި ދުވަހުގެ މަތިން ބަލައި ފާސް ކުރަމުންދާ އިރު އަތޮޅު ތެރޭ ފިހާރަތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އާދަމް ވިދާޅުވި އެވެ.