ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ދުންމާރި ތާޅަފިލި ފަދަ އަޑުކުރަން ބޭނުންކުރާ އެއްވެސް އެއްޗެއް ނުވެއްދޭ ގޮތަށް ގަވާއިދު ފާސްކޮށަފައި ވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާޅަފިލި ވައްދައި އަޑުގަދަކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ގަނޑީގައި ތަޅުމުގައި އަޑުގަދަ ކޮށްފައި ވަނީ ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އެވެ.

ދުންމާރުގޮއްވައި އަޑުގަދަކުރުމުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާފައިވެސްވެ އެވެ. މަޖިލީހުގެ ތަޅުމުގައި ފަހަކަށް އައިސް އަޑުގަދަކޮށްފައި ވަނީ ވޯޓަށް އަހާ ގަޑީގައިކަން ފާހަގަކޮށްލެވެ އެވެ.

ތާޅަފިލި ދުންމާރި އަދި އެނޫން ވެސް މަޖިލީހުގެ ބޭނުމަށް ނޫން ގޮތަކަށް މަޖިލީހުގެ ތަޅުމަށް ތަކެތި ނުވެއްދޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހު ފާސްކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އެގޮތަށް ގަވާއިދަށް ބަދަލުގެނެސްފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތާޅަފިއްޔާއި، ދުންމާރީގެ އިތުރުން އަޑުގަދަ ކުރުމަށް ބޭނުން ކުރާ އެހެނިހެން ތަކެތި މަޖިލީހުގެ ތަޅުމަށް ވައްދައި، މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އެޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމުންނެވެ.