24 Feb 2011, 22:03
އޮލިމްޕިކް ކޮލިފައިންއަށް ހޮވުމަށްޓަކާ ރާއްޖޭގެ 23 އަހަރުންދަށުގެ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ހޮންކޮންގ އަތުން 4-0 ލަނޑުން އިއްޔެ ބަލިވެއްޖެ އެވެ.
ހޮންކޮންގގައި އިއްޔެ ކުޅެވުނު މެޗުން 4 ލަނޑުން ރާއްޖެ ބަލިވިއަސް ފުރަތަމަ ހާފުގައި ރާއްޖޭގެ ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. މިލަނޑު ކާމިޔާބުކޮށްފައިވަނީ 27 ވަނަ މިނެޓްގައި ހޮންކޮންގެ ހޮންޓޫ އެވެ.
ދެވަނަ ގޯލު ޔުއާން ކާމިޔާބުކޮށްދިނީ 64 ވަނަ މިނެޓްގައެވެ. ރާއްޖެ ކޮޅަށް ވަން ފަހު ދެ ގޯލަކީ މެޗުގެ ފަހު 10 މިނެޓްގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑެވެ. ތިންވަނަ ގޯލު ޖޭމްސް ސްޓެފަން ކާމިޔާބުކުރިއިރު ފަހު ލަނޑު މެޗު ނިމެން 3 މިނެޓަށްވެފައިވަނިކޮށް ޖެހީ ފުރަތަމަ ލަނޑު ޖެހި ހޮންޓޫ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި މެޗު ޑޮމިނޭޓްކޮށްގެން ހޮންކޮންގ ޓީމު ކުޅުނުއިރު ރާއްޖެއަށް މާރަނގަޅު ފުރުސަތެއްވެސް ލިބިފައެއް ނުވެއެވެ.
މެޗަށް ފުރުމުގެ ކުރިންވެސް ކޯޗު ކުރުސިއާނީ ބުނެފައިވަނީ ޓީމުނ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތް ކަމަށާއި ހޮންކޮންގ ޓީމާ ބެހޭ މައުލޫމާތެއްވެސް ނެތް ކަމަށެވެ.
އޮލިމްޕިކް ކޮލިފައިންގައި ވާދަކުރުމަށް ރާއްޖެއަށް އޮތް ހަމައެކަނި ފުރުސަތަކީ އަންނަމަހުގެ 9 ވަނަ ދުވަހު މާލޭގައި ކުޅޭ ދެވަނަ ލެގްގެ މެޗުގައި ހޮންކޮންގެ މައްޗަށް 5 ލަނޑުގެ ތަފާތަކުން ކުރި ހޯދުމެވެ. އަދި އެމެޗުގައި ހޮންކޮންގ ޓީމުން ގޯލެއް ޖަހައިފިނަމަ ރާއްޖެއިން ޖަހަން ޖެހޭ ގޯލުތައްވެސް އިތުރުވާނެ އެވެ. ސަބަބަކީ އަވޭ ގޯލު ދެ ގޯލުގެ ގޮތުގައި ގުނާތީ އެވެ.