ގައުމުގެ އަމާންކަންގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ބްރޯޑްކާސްޓު ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ބްރޯޑުކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަލާމަތީ ބާރުތަކާއި ސަރުކާރާ ދެކޮޅަށް އާންމުން ތެދުވުމަށް ގޮވާލުމާއި، ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ހަމަނުޖެހުންތައް ހިންގުމަށް، ބައެއް ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ މެދުވެރިކޮށް ގޮވާލާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް، އެކަން އެ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ.

ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގަމުންދާ މިފަދަ ދަނޑިވަޅެއްގައި ގައުމުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ހަގީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް އެކޮމިޝަނުން ވަނީ ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގާފަ އެވެ.

ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާ މިންގަނޑުތަކަށް ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެއާ ޚިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށާއި ހުރިހާ ބްރޯޑްކާސްޓަރުން ވެސް އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.