30 Apr 2015, 13:22
އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ ބޮޑު ސިޔާސީ ހަރަކާތުގައި ގާނޫނީ އިމުން ބޭރުން އެއްވެސް ޕާޓީއަކުން ކަމެއް ކޮށްފިނަމަ ފިޔަވަޅު އެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވެއްޖެ އެވެ.
އިލެކްސްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުލައިމާން ވިދާޅުވީ މާދަމާ ބާއްވާ ބޮޑު ސިޔާސީ އެއްވުމަކީ ގާނޫނާ ޚިލާފުވެ ހަމަނުޖެހުން އުފެދޭފަދަ އެއްވުމަކަށް ވެދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ނަމަވެސް ގާނޫނާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މާދަމާ ބާއްވާ ސިޔާސީ ހަރަކާތަކީ ހަމަނުޖެހުމަކަށް ވެގެންދާނެ ކަމަކަށް. އަޅުގަނޑުމެން މިހާރު ވާނީ އެކަމާ ގުޅިގެން ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާކޮށްފައި. ގާނޫނީ އިމުގެ ތެރެއިން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކުރިން އަޅުގަނޑުމެން އެ ފަރާތްތަކާ މަޝްވަރާ ކުރާނަން. އެހެންވީމާ ގާނޫނީ އިމުން ބޭރުވެ ހަމަނުޖެހުމަކާ ދިމާއަށް ދާނަމަ އަޅުގަނޑުމެން ހަމަޖެހިފައިވާ އުސޫލުގެމަތިން ފިޔަވަޅު އެޅުމުގައި ފަހަތަކަށް ނުޖެހޭނަން،" ސުލައިމާން ވިދާޅުވި އެވެ.
ސުލައިމާން ވިދާޅުވީ މޭޑޭގައި ސިޔާސީ ޕާޓީތައް ގާނޫނީ އިމުން ބޭރުވާނަމަ އެއީ އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ގައުމު ހަމަނުޖެހުމަކާ ދިމާއަށް ނުގެންދަން ހުރިހާ ފަރާތްތަކަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
އިދިކޮޅު ތިން ސިޔާސީ ޕާޓީއާ އެކު ކުރި މަޝްވަރާތަކުން އެނގުނުގޮތުގައި މާދަމާގެ ހަރަކާތަކީ އަދާލަތު ޕާޓީން އިންތިޒާމްކޮށްގެން ހިންގާ ހަރަކާތެއްކަން އެނގިފައިވާ ކަމަށް ސުލައިމާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ކޮންމެ ޕާޓީއަކުން އިންތިޒާމުކުރި ނަމަވެސް މިއީ ހަމަނުޖެހުމަކަށް ވެގެންދާނެ ކަމަށް. އެހެންވީމަ ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑުމެން އިލްތިމާސް ކުރަން ގާނޫނީ އިމުން ބޭރު ނުވުމަށް،" ސުލައިމާން ވިދަޅުވި އެވެ.
މާދަމާ ބާއްވާ ސިޔާސީ ބޮޑު ހަރަކާތައް އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ދަނީ މާލެއަށް އަންނަމުންނެވެ.