30 Apr 2015, 13:20
އަތޮޅުތަކުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތައް އާބާތުރަ ފިލުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނ. އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރުމަށް ހަވާލު ކޮށްފައި ވަނީ ހަވާވުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ މަރުކަޒުގެ މަރާމާތު ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އަހުމަދު ޠުހޫރު އެވެ. ހަވާވުޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ވަހީދު އެވެ.
އެގޮތުން ޖުމްލަ 42 ދުވަސްތެރޭ ނިންމާ ގޮތައް ނ. އަތޮޅުގެ ހޮސްޕިޓަލު މަރާމާތު ކުރުމުގެ މަސައްކަތައް 663،553 ރުފިޔާ އަށް ނިންމުމަށް ދެ ފަރާތުން އެއްބަސްވެފައިވެ އެވެ.
ޠުހޫރު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމާ އެކު ހޮސްޕިޓަލުގެ ސީލިންގް އާއި އެހެނިހެން ގޮތްގޮތުން އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރާނެ ކަމަށެވެ. އޭގެ އިތުރުން ނ. އަތޮޅުގެ ހޮސްޕިޓަލުގެ އެމްބިއުލެންސް ޑްރައިވްވޭ ޕޭވްކުރުމުގެ މަސައްކަތް ވެސް އެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.