30 Apr 2015, 12:52
ޓެރަރިޒަމްގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ހުރި މީހަކު އޭނާގެ އަތުގައި އަޅުވާފައިހުރި ބިޑިން ކޯޓުގެ ދޮރުފަތުގެ ބިއްލޫރިގަޑުގައި ޖަހައި ބިއްލޫރިގަޑު ތަލާލައިފިއެވެ.
ބަންދުގައި ތިބޭ މީހުން ކޯޓުގައި ބަހައްޓަން ޚާއްސަކޮށްފައި ހުންނަ ކޮޓަރީގައި އިއްޔެ ހެނދުނު ހ. ރޯޒަންޑޭލް ޝައިބާން ޒުފްރަތު އިސްމާޢީލާއި އިތުރު ބަޔަކު ބައިތިއްބާފައި ވަނިކޮށް އެތަނުގެ ތެރޭގައި ވަނީ ހަޅޭލައްވައި އަޑުފަދަކޮށްފައެވެ.
އެވަގުތު ކޯޓުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ ހަޅޭލައްވައި އަޑުގަދަކުރުމަށްފަހު ދެން އިވިގެންދިޔައީ އެމީހުން ތިބޭ ތަނުގެ ބިއްލޫރިގަނޑު ތަޅާލިއަޑެވެ.
ޝައިބާން ޒުފްރަތު އިސްމާޢީލް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރީ ބިލަބޮންގ ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލް ތެރެއަށްވަދެ ފޫޓެއްހުންނަވަރުގެ ކަތިވަޅިއަކުން ސ. ހިތަދޫ ދޮންފަންބަގީޗާގެ އަލީ އަޝްކަރު އަހްމަދުގެ ބޮލުގައި ކަތިވަޅިން ޖަހައި ބޯފަޅާލައި އަދި އޭނާގެ ގައިގައި ލަކުޑި ފަތިބުރިއަކުން ތަޅައި މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލާގައި އޭނާ އާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ބުނީ ބަންދުގައި ތިބޭ މީހުން ކޯޓުގައި ބަހައްޓާފައިހުންނަ ކޮޓަރީގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ޝައިބާން ޒުފުރަތު އިސްމާޢީލް އޭނާގެ އަތުގައި އަޅުވާފައިވާ ބިޑިން ކަމަށެވެ.
ކޯޓު ދޮރުފަތުގެ ބިއްލޫރިގަޑު ޝައިބާން ޒުފްރަތު އިސްމާޢީލުގެ އަތުން ތަޅާލައިގެންގޮސްފައިވާތީ އެކަމަށް އޭނާ މަޢާފައް އެދި، އަދި އެކަމަށް ދާޚަރަދުވެސް ދޭނެކަމަށްވަނީ ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.