ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ސ. ހިތަދޫ އުލްފާމަންޒިލް މުހައްމަދު ނަސީމްގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ނަސީމް ބުނީ އޭނާ މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ.

ނަސީމް އެދުނުގޮތަށް ވަކީލަކު ހަމަޖައްސަން އޭނާއަށް ވަނީ ފަސް ދުވަހުގެ ފުރުސަތެއް ދީފައެވެ.

އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރޭ އާޓިފިޝަލް ބީޗުގައި ހުންނަ ބްރޭކްވޯޓާ ރެސްޓޯ ތެރޭގައި އިންނަވަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން ޏ. ފުވައްމުލައް ދަނޑިމަގު ޝައިނީ މުހައްމަދު ސަމީހުގެ މައްސަލަ ވެސް ފުލުހުން ޕީޖީއަށް ފޮނުވިއެވެ. އެހެންނަމަވެސް ތަހުގީގަށް ބަޔާންދީފައިތިބި މީހުން ހެކިބަސްދޭން ފަސްޖެހުމުން އެ މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވެއެވެ.

ދާދިފަހުން މަރުގެ އެހެން މައްސަލައެއްގައި ސަމީހު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ދާދިފަހުން އައިޖީއެމްއެޗު ކައިރިން މާޅޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލިކަމުގެ ތުހުމަތުގަ އެވެ.

ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަލްހާނަށް ލިބުނު ސީރިއަސް އަނިޔާތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަވާފައިވާއިރު، ކުރީގެ ހާލަތަށް އޭނާ އަދިވެސް ރުޖޫއަވެފައެއް ނުވެއެވެ.