30 Apr 2015, 12:33
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހަމަޖައްސައިފި އެވެ.
އިމްރާނާ ބައްދަލުކުރުމަށް ސަލީމު ހަމަޖައްސާފައިވާ ކަން ޕީއެމްގެ ޑެޕިއުޓީ ލީޑަރު ފޮނަދު ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއުލާނު ކުރައްވާފަ އެވެ.
އެކަމާ ގުޅިގެން ވާކަހަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ސަލީމަކީ މިވަގުތު މަޖިލީހުގައި ހުރި " އެންމެ އިލްމުވެރި ބޭފުޅާ" ކަމަށާއި، ކުރިއަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި " އިމްރާނު ހުރިތާކުން ނިކުމެ ސަލީމާއި ބައްދަލުކުރުމަށް ގޮވާލަން" ކަމަށެވެ.
"އަޅުގަނޑުމެން ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ހަމަޖައްސަން، އިމްރާނާއި ވާހަކަދެއްކުމަށް. އަޅުގަނޑުމެންގެ ބަހުންނަމަ ތުއްތީދިގެ އިމްރާނު. އިމްރާނު މިއަދު ގަބޫލު ކުރައްވަން އެބަ ޖެހޭ އަހުމަދު ސަލީމާ އެއްމޭޒަކަށް ވަޑައިގަންނަވަން އެމަނިފުނާފު އެބަ ޖެހޭ ކަން ހަ ގަޑި އިރު ވުމުގެ ކުރީގައި،" ނިހާން ވިދާޅުވި އެވެ.
ބޮޑު ކަމެއް ހިނގައި، މާދަމާ ގޯހެއްވެއްޖެ ހާލަތެއްގައި އެއްޗެއް ނުބުނެ ތިބެއްޖެ ނަމަ ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުވެސް ކުއްވެރިވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން އެއްވުމަށް 18 ގަޑިއިރަށް ވެއްޖެކަމަށް ނިހާން ވިދާޅުވި އެވެ.
" އިމްރާނު ހުރިތާކުން ނިކުންނަވައިގެން ތުނބުޅި މަތިމަސް އޮމާން ކުރައްވައިގެން ވަޑައިގަންނަވާށޭ، އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރު ޝައިހް ޕްރޮފެސަރު ސަލީމާއި ބައްދަލު ކުރެއްވުމަށް،" ނިހާން ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އިމްރާނާއި ބައްދަލުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ހަވާލު ކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ އެވެ. ނަމަވެސް އަދީބަކީ އިދިކޮޅު ލީޑަރުން ބައްދަލު ކުރެއްވުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ބުނެ އިމްރާން ވަނީ އަދީބާއި ބައްދަލުކުރުމަށް ދެކޮޅު ހައްދަވާފަ އެވެ.