ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ވަޅިން ހަމަލާދީ ޒަހަމުކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ވަރަށް މުއުތަބަރުކޮށް ސަން އަށް ކަށަވަރު ވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ބޮލުގެ ނާށިގަނޑުން ކަންފަތާވީ ދިމާލަށް ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ އެވެ.

އަދި އެ ހަމަލާއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ އޮފިޝަލަކު ދެންމެ ވިދާޅުވީ މިރޭ 9:00 ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާގައި ޒަޚަމްވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ އާ ގުޅިގެން ދެ މީހަކު ހައްޔަރުކުރީ ވަޅީގެ ހަމަލާދިންތާ މާގިނަ އިރެއް ނުވަނީހެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.

އެ މީހާ އަށް ހަމަލާދީފައި ވަނީ ކަތިވަޅި އަކުން ކަމަށް ސަން އަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

އެ ހަމަލާގައި ޒަޚަމްވި މީހާ އަށް އައިޖީއެމްއެޗްގައި އިމެޖެންސީ ރޫމްގައި އަންނަނީ ފަރުވާ ދެމުންނެވެ.