ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންނަށް އެމަނިކުފާނާ ބައްދަލު ކުރުމަށް ދިވެހި ދައުލަތުން ހުރަސް އަޅަމުންދާ ކަމަށް ނަޝީދުގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

ނަޝީދުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދުގެ ޤާނޫނީ ވަކީލުންނާ މާފުށީގައި ބައްދަލުކުރުމަށް ސަރުކާރުން ހުރަސް އަޅުއްވަމުން ގެންދަވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބުނެފައި ވަނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ބުދަ ދުވަހު މާފުށީ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދެއްވުމަށް އިންކާރުކުރެއްވި ކަމަށެވެ.

ރައީސް ނަޝީދާ ބައްދަލު ކުރެވޭނީ އަންނަ މަހު ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

" ޤަނޫނީ ވަކީލުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުމުގެ ފުރުޞަތު މިއަދުން ފެށިގެން މެދުކަނޑާފައިވާ އިރު، ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ފަރާތުން އެމަނިކުފާނު ބަންދުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި އދ.އަށް ބުރާސްފަތި ދުވަހު މައްސަލަ ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނުގެ ބައިނަލްއަޤްވާމީ ވަކީލުންނާ ފޯނުން ވާހަކަ ދެއްކެވުމުގެ ހުއްދަ ސަރުކާރުން ދެއްވާފައި ނުވާ ހިނދު، ބައިނަލްއަޤްވާމީ ވަކީލުންނާއި އެމަނިކުފާނާ މުޢާމަލާތް ކުރެވެނީ ޤާނޫނީ ވަކީލުން މެދުވެރިކޮށެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފަދަ ބޮޑު މައްސަލައެއް ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަށް ހުށަހެޅޭ ހިނދު ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރެއްވުމަށް ހުރަސްއެޅުމަކީ އެ މައްސަލަ އދ. އަށް ހުށަހެޅުމަށް ހުރަސް އެޅުން ކަމަށެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންނާއި ބައްދަލުކުރުމަށް ސަރުކާރުން ހުރަސް އެޅުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ނަޝީދު ހިންމަފުށީ އައްސޭރި ޖަލުން މާފުށީ ޖަލަށް ބަދަލު ކޮށްފައި ވަނީ މި ހަފްތާގެ ތެރޭގައެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ނަޝީދު ބަދަލުކޮށްފައި ވަނީ މާފުށީ ޖަލުގައި އެމަނިކުފާނަށް ޚާއްސަކޮށްފައިވާ އެޕާޓްމަންޓަށް ކަމަށެވެ. އަދި ވިދާޅުވީ ނަޝީދު މާފުށީ ޖަލުގައި ހުންނަވަނީ އެމަނިކުފާނުގެ "ރައްޓެހި" ގައިދީންތަކަކާއެކު ކަމަށެވެ.

ނަޝީދަށް ހާއްސަކޮށްފައިވާ އެޕާޓްމަންޓުގައި އެމަނިކުފާނަށް ހާއްސަ ކޮޓަރިއަކާއި ސިޓިން ރޫމެއް ހުންނާނެ ކަމަށާއި އަދި ރައްޓެހި ގައިދީންނަށް ހާއްސަކޮށްފައި ވަނީ ކުދި ކޮޓަރިތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.