30 Apr 2015, 12:52
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ، ފުރަތަމަ ފަހަރަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފި އެވެ.
ވޭތުވެދިޔަ އަހަރު ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ އިރު އެއީ އެ ބޭންކަށް 2013 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބުނު އަދަދާ އަޅާ ބަލާ އިރު 22 ޕަސެންޓްގެ ކުރިއެރުމެކެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެކްސް، އުފެއްދުންތެރި ނޫން ބައެއް ލޯނުތަކަށް ހަދަން ޖެހޭ ޕްރޮވިޝަން އަދި ދައްކަންޖެހި ނުދައްކައި ހުރި ލޯނުގެ ފައިސާ އުނިކުރުމަށް ފަހު ސާފު ފައިދާ ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު 81 ޮޕަސެންޓްގެ ކުރިއެރުމެއް ހޯދާފައި ކަމަށެވެ. އެގޮތުން ޖުމްލަ އެސެޓަށް 23 ޕަސެންޓް ކުރިއެރުމަކާ އެކު ފަރުދުންނަށް ލޯނުތައް ދޫކުރަމުން އަންނަ އިރު އެ ބޭންކަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު މިދިޔަ އަހަރަށް ވުރެ 25 ޕަސެންޓް އިތުރުކަމަށް އެ ބޭންކުން ބުނެއެވެ.
ތާރީހީ ބޮޑު ފައިދާއާ އެކު ބީއެމްއެލް އިން ވަނީ ހިއްސާގެ ފައިދާއެއްގެ ގޮތުގައި ބެހުމަށް ރެކޯޑް އަދަދެއް ހުށަހަޅައިފަ އެވެ. އެގޮތުން މާލީ ގޮތުން ލިބުނު ކުރިއެރުމާ އެކު ބީއެމްއެލް އިން ވަނީ ހިއްސާދާރުންނަށް 2014 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއްކަމަށްވާ 86.1 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފަ އެވެ. އެއީ ހިއްސާއަކަށް 16 ރުފިޔާގެ މަގުންނެވެ.
އެކަމާ ގުޅިގެން ބޭއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ވޭތުވެ ދިޔަ އަހަރަކީ މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފުޅާކުރުމަށާއި އައު ޓެކްނޮލޮޖީ އާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް ވަރަށް ބޮޑެތި އިންވެސްޓްމެންޓް ތަކެއް ކުރެވުނު އަހަރަކަށް ވީ ނަމަވެސް މާލީގޮތުން ހާސިލްކުރެވިފައިވާ ނަތީޖާއާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ބޭންކުން ކުރި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ތެރޭގައި ޓެކްނޮލޮޖީ ބަދަލުކުރުމުގެ ޕްރޮގްރާމާއި މުޅި ގައުމަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ހިންގުނު ޕްރޮޖެކްޓް ހިމެނޭ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިން ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެތަކެއް މަސައްކަތް ކުރެވި. ސެލްފްސާވިސް ބޭންކިން ތައާރަފުކޮށް ބްރާންޗްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުން ހިމެނޭ." އެންޑްރޫ ހީލީ ވިދާޅުވި އެވެ.
އެ ކާމިޔާބީ ހޯދުމުގައި ބީއެމްއެލްގެ ހުރިހާ މުއައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.