އިދިކޮޅު ފަރާތްތަކުން މާދަމާ ބޭއްވުމަށް ނިންމާފައިވާ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް ބުނެ އަދާލަތު ޕާޓީން ފުލުހުންނަށް މިއަދު އަންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އަދާލަތު ޕާޓީން ފުލުހުންނަށް އެކަން ސިޓީ އަކުން އަންގާފައިވާ ކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި ހަފްތާގެ ތެރޭގައި ދިން ބަޔާނެއްގައި ބުނެފައި ވަނީ މުޒާހަރާއެއް ނުވަތަ އެއްވުމެއް ބާއްވާ ނަމަ ކުރިން ސަލާމަތީ ބާރުތަކަށް އަންގަންވާނެ ކަމަށެވެ.

މާދަމާގެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް ބުނެ އަދާލަތު ޕާޓީން ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާއިރު ސުލްހަވެރި ކަމާއި އެކު އެއްވާ ނަމަ ފުލުހުން އެ އެއްވުމަކަށް ހުރަސް ނާޅާނެ ކަމަށް ފުލުހުން ވަނީ މީގެކުރިން ވެސް ބުނެފައެވެ.

އެހެންނަމަވެސް ފުލުހުން ބުނީ އިވޭ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު މާދަމާގެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް ފުލުހުންނަށް ނުބެލެވޭ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބެމުން އަންނަ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

އެއްވެ އުޅުމުގެ ގާނޫނުގައި ބުނެފައި ވަނީ އެއްވުމެއް ނުވަތަ މުޒާހަރާއެއް ވިއަސް އެފަދަ ކަމެއް ބާއްވާކަން އަންގައި ފުލުހުންނަށް ނޯޓިސް ދިނުމުގެ ބޭނުމަކީ އެ އެއްވުމެއް ނުވަތަ މުޒާހަރާއެއް ސުލްހަވެރިކަމާ އެކު ބޭއްވޭނެ އިންތިޒާމުތަކާއި ހައްގުތައް ނުގެއްލޭ ގޮތަށް ފިޔަވަޅުތައް އެޅުމަށް ފުލުހުން ތައްޔާރުވުމަށް ވަގުތު ދިނުން ކަމަށެވެ.