30 Apr 2015, 11:32
އުރީދޫ ދިވެހި ޕްރިމިއަ ލީގްގައި ބައިވެރިވާ ކްލަބުތަކުގެ ޖޯޒީގެ ފަހަތުގައި އަވަށްތަކެއްގެ ނަންތައް ޖެހުމަކުން ލީގު އަދި ފުރިހަމަނުވާނެކަމަށް މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.
ޕްރިމިއަ ލީގްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗަށްފަހު ވާހަކަދައްކަމުން ސުޒޭން ބުނީ މިހާރަކަށްއައިސް ލީގުގައި އާދަޔާ ޚިލާފަށް ވަގުތު ނަގާލަމުންދާކަމަށާއި ސަޕޯޓަރުން ދަނޑަށް ނުވަންނަ ވާހަކަ ދައްކާއިރު އެފަދަ ކަންކަން ރަނގަޅުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"މި ލީގުގެ އިންތިޒާމް މިހާތަނަށް މިފެންނަނީ ވަރަށް ރަނގަޅަށް. އެހެންނަމަވެސް މިކަހަލަ ރަނގަޅު ލީގެއް އިންތިޒާމު ކުރެވިގެންދާއިރުގައި ދެން ހުރިކަންކަންވެސް ރަނގަޅުކޮށްލަން ޖެހޭ. މިސާލަކަށް އޯޕަނިންގ މެޗްގައި ފެނިގެން ދިޔަ ކަހަލަ ކަންތައްތައް. ނޫނިއްޔާ ޢާންމުކޮށް މިހާރަކަށް އައިސް ލީގުގައި ފެންނަކަމެއް އާދަޔާ ޚިލާފަށް ވަގުތު ނަގާލުން. ސަޕޯޓަރުން ނުވަންނަ ވާހަކަ ދައްކާއިރު ހަމަގައިމުވެސް ސަޕޯޓަރުން މާޔޫސްވާނެ އެކަހަލަ ބައިވަރު ކަންތައްތަކެއް އެބަ ފެނިގެންދޭ. އެއަކަށް ރަނގަޅު ފިޔަވަޅެއް އަޅާތަނެއް ފެނިގެން ނުދޭ،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، މެޗްތަކުގައި އާދަޔާ ޚިލާފަށް ވަގުތު ނަގާލުމުގެ މައްސަލަ ހައްލު ކުރުމުގެ ޒިންމާ އޮތީ ހަމައެކަނި ރެފްރީންގެ އަތްމަތީ ނޫންކަމަށާއި އެއީ މުބާރާތްތައް އިންތިޒާމު ކުރާ ފަރާތްތަކުގެވެސް ޒިންމާއެއްކަމަށެވެ.
ބޭކާރުގޮތުގައި ވަގުތު ނަގާލުމުގެ މައްސަލައަށް ޚާއްސަކޮށް ކެމްޕޭންވެސް ފަށާފައި އެބައޮތްކަމަށާއި މިހާ ރަނގަޅު ލީގެއް ކުރިއަށްގެންދާއިރު އެފްއޭއެމްއިން މިފަދަ ކަންކަމަށް ސަމާލުކަން ދޭންޖޭހޭ ކަމަށް ސުޒޭން ބުންޏެވެ.
"މިހާ ރަނގަޅު ލީގެއް ތާރަފުކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންތަތްތަކެއް އެއީ. ދުނިޔޭގައި 60 މިނެޓްގެ ނަމުގައި ކެމްޕޭންވެސް ފަށާފައި އޮތްއިރު ރާއްޖެ 20 މިނެޓަށް ވުރެ ފަހަތައްދާން ވެއްޖެއްޔާ ބުރަކަށީގައި އަވަށްތަކެއްގެ ނަންތައް ޖެހުމަކުން ނުފުދޭ. ކުރަންޖެހޭ އެކަހަލަ ޕޮޒިޓިވް ކުޅިބަލާ މީހުން ބަލާލާހިތްވާ ކަހަލަ ފުޓްބޯޅައެއް ގިނައިރު ކުޅޭތަން ބަލާލާހިތްވާނެ ގޮތަކަށް ކަންތައްތަކެއް ކުރަންޖެހޭ،" ވަގުތުނަގާލުމުގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، ވޭތުވެދިޔަ 10 އަހަރު ރާއްޖޭގެ ފުޓްބޯޅައަށް ކުޅިބެލުންތެރިން އެންމެ މާޔޫސްވި އެއްކަމަކީ މެޗްގައި ވަގުތު ނަގާލުންކަމަށާއި އެހެންކަމުން ވަގުތު ނަގާލުމުގެ މައްސަލައަށް ޙައްލު ހޯދަން ޖެހޭކަމަށެވެ.