30 Apr 2015, 11:20
ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި މިދިޔަ ހޮނިހިރުދުވަހު ނޭޕާލަށް އައި ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުން ތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ ނޭޕާލުގެ ރައްޔިތުންނަށް ކުރިއަށް އޮތް ތިން މަސްދުވަހު ކުއްލި ހާލަތުގެ އެހީ ދިނުމަށް 415 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ބުނެފި އެވެ.
އެއަދަދުގެ އެހީ ދިނުމަށް ޔޫއެންގެ މެމްބަރު ގައުމުތަކަށް އެޖަމާއަތުން އިއްޔެ ވަނީ ގޮވާލާފައެވެ.
ޔޫއެން އިން ބުނެފައި ވަނީ ބިންހެލުމުގެ ސަބަބުން ނޭޕާލުން 70،000 ގެ ހަލާކުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އަށް މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ.
ޔޫއެން އޮފީސް ފޯ ހިއުމަނިޓޭރިއަން އެފެއާޒްގެ ފަރާތުން ނޭޕާލުގައި ހުންނަވާ ކޯޑިނޭޓަރު ޖެމީ މެކް ގޯލްޑްރިކް އިއްޔެ ވިދާޅުވެފައި ވަނީ ނޭޕާލަށް އެހީތެރިވުމުގައި ވަގުތަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ނޭޕާލުގެ ވިއްސާރަ މޫސުން ފެށުމުން އެހީގެ ތަކެތި ފޮނުވުމުގައި ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި ހޮނިހިރު ދުވަހު ނޭޕާލަށް އައި ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުންތަކުގެ ސަބަބުން އެގައުމުން މަރުވިމީހުންގެ އަދަދު މިހާރު ވަނީ 5200 އަށް އަރާފައެވެ.