އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ޓޫރިޒަމް މިނިސްޓަރާއެކު މަޝްވަރާގެ މޭޒަށް ދިއުމަށް އިންކާރު ކުރުމަކީ "ވަރަށް ފިނޑި އަދި އަންހެންދުޅާ ކަމެއް" ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އިމްރާނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ޓުރިޒަމް މިނިސްޓަރު އަދީބާ ހަވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ބައްދަލު ކުރާނެ ގަނޑިއެއް ކަނޑައެޅުމަށް އެދި އަދީބު އިމްރާނަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އިމްރާން ވިދާޅުވެފައި ވަނީ އަދީބަކީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޓީމާއެކު މަޝްވަރާގެ މޭޒަށް ދިއުމަށް "ކުފޫ ހަމަވާ ބޭފުޅެއް ނޫން" ކަމަށެވެ.

އިމްރާނަށް ރައްދު ދެއްވައި އަދީބު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނާ ބައްދަލުކޮށް ބޭރު ތެރޭގައި ދައްކަމުންދާ ދޮގުވާހަކަތައް ދިމާލަށް ކިޔަން ނުކެރުމަކީ އިމްރާނުގެ ފިނޑިކަން ކަމަށެވެ.

ސަރުކާރުން މަޝްވަރާގެ މޭޒަށް ދިއުމަށް ފުރުސަތު ނުދޭކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލު ކުރައްވާފައިވާނެ ކަމަށާއި، އެހެން ނަމަވެސް އުމަރަށް ވެސް އެކަމުން ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވާކަމަށެވެ.