މިދިޔަ ހޮނިހިރުދުވަހު އައި ބާރުގަދަ ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުންތަކުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް ސަރުކާރުން އެހީ ފޯރުކޮށްދޭލެއް ލަސްކަމަށް ބުނެ ބަޔަކު ހަޅުތާލުކޮށްފިއެވެ.

ރޮއިޓާސް ބުނީ، ނޭޕާލުގެ އަވަށެއްގެ މީހުން، އެމީހުންނަށް ސަރުކާރުން އެހީ ފޯރުކޮށްދޭލެއް ލަސް ކަމަށް ބުނެ އެހީގެ ތަކެތި ހިފައިގެން ދަތުރުކުރި ޓްރަކްތަކަކަށް އިއްޔެ ހުރަސްއެޅި ކަމަށެވެ. އެގޮތުން ޝަންހޯކް ނަމަކަށް ކިޔާ އަވަށުގެ މީހުން އެ އަވަށަށް ދަތުރުކުރަން އޮތް މަގުގައި ހުރަސްތައް ބަހައްޓައި ބަންދުކޮށްފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ. އެމީހުން ހުއްޓުވި އުޅަނދުތަކުގައި ހުރީ ހާލުގައި ޖެހިފައި ތިބިމީހުންނަށް ބެހުމަށް ގެންދިޔަ ނޫޑުލްސްއާއި ހަނޑޫ ފަދަ ކާބޯތަކެތީގެ ބާވަތްތަކެވެ.

އެހީގެ ތަކެތި ހިފައިގެން ދިޔަ ނޭޕާލު ސިފައިންގެ ގާފިލާއަކަށް ވެސް އެއަވަށުގެ މީހުން ވަނީ ހުރަސްއަޅާފައެވެ.

އެހީތެރިކަން ލަސްވެގެން، ރުޅިއައިސްފައި ތިބި ބަޔަކު ވަނީ ވެރިރަށް ކަތުމަންޑޫގައި ވެސް މުޒާހަރާކޮށްފައެވެ. އެގޮތުން 200 ވަރަކަށް މީހުން ޕާލަމެންޓް އިމާރާތުގެ ކުރިމައްޗަށް އެއްވެ އަޑު އުފުލި މީހުން ސަރުކާރަށް ގޮވާލައިފައި ވަނީ އެމީހުންގެ އަވަށްތަކަށް ދަތުރުކުރުމަށް އިތުރު ބަސްތައް ހަމަޖައްސައިދިނުމަށެވެ.

ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ހޮނިހިރު ދުވަހު ނޭޕާލަށް އައި ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުންތަކުގެ ސަބަބުން އެގައުމުން މަރުވިމީހުންގެ އަދަދު މިހާރު ވަނީ 5200 އަށް އަރާފައެވެ.