އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރުން އަވަސް ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ގައުމީ ސަލާމަތު ކޮމިޓީ އިން ދިރާސާ ކުރުމަށް ފަހު އެ ގާނޫނަށް އަމަލު ކުރުން އަވަސް ކުރަން ފެންނަ ކަމަށް ފާސްކޮށްފި އެވެ.

އެ ގޮތަށް ކޮމިޓީ އިން ނިންމީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައި ކޮމިޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލައްބިއްޔަތުން ނެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ގާނޫނުލް އުގޫބާތުގެ 10 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލް އުގޫބާތަށް އަމަލު ކުރާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ (ރ) އަށް ވެސް ރިޒާ ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. އެ އިސްލާހު ވެސް ގައުމީ ސަލާމަތު ކޮމިޓީ އިން ވަނީ ފާސްކޮށްފަ އެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަކީ ކޮބައިކަން އެ ގާނޫނުގައި މިހާރު މަނާކޮށްފައިވާ ގޮތް ބަދަލުކުރުމަށް ހުށަހެޅުއްވި އިސްލާހެކެވެ.

ރިޒާ ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ މިހާރު ގާނޫނު އޮތް ގޮތުން ކުށްކުރާ މީހުން ހައްޔަރު ކުރުމުގެ ބާރު ލިބިފައި ނުވާ، އެހެންނަމަވެސް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތްތައް ގާނޫނު ތަންފީޒު ކުރާ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭތީ ކަމަށެވެ.

ގާނޫނުލް އުގޫބާތަށް އަމަލު ކުރަން އަވަސް ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިރު، އެއަށް އަމަލު ކުރަން ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ވެސް ސަރުކާރު ކޯލިޝަނުން ހުށަހެޅި އިސްލާހަކާ ގުޅިގެންނެވެ.

ގާނޫނުލް އުގޫބާތަކީ ޖިނާއީ ކުށްކުށާއި އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި އެ ކުށްކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި އެ ކުށްކުށުގެ އުގޫބާތާއި ކުށްކުށާއި އުގޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި ކުށުގެ ދިފާއުގެ ގޮތުގައި ބޭނުންކުރެވޭނެ ކަންތައްތަކާއި އަދަބު ކަނޑައެޅުމުގެ އުސުލާއި އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި އެކަންކަމާ ބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.