30 Apr 2015, 10:17
ރޭ ލެސްޓަ ސީޓީއާ ދެކޮޅަށް 3-1ގެ ނަތީޖާއަކުން މޮޅުވެ އިނގިރޭސީ ޕްރިމިއަ ލީގް ޗެމްޕިއަންކަން ކަށަވަރުވުމާ ތިން ޕޮއިންޓާ ގާތަށް ޗެލްސީ ޖެހިލައިފި އެވެ.
ލެސްޓާގެ ސްޓޭޑިއަމް ކިންގްޕަވަރ ގައި ކުޅުނު މިމެޗްގައި ފުރަތަމަ ލީޑް ނެގީވެސް އެޓީމުންނެވެ.
ލެސްޓާ ލީޑް ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްތެރޭގައެވެ. އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާކް އޮލްބްރައިޓަންއެވެ.
އޮލްބްރައިޓަން ލެސްޓާ ސިޓީއަށް ލަނޑު ޖައިދިނުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ބީބީސީ
ޗެލްސީ ނަތިޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން މިނެޓެއްގެ ތެރޭގައެވެ. އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ޑިޑިއޭ ޑްރޮގްބާ އެވެ.
ޗެލްސީއަށް ލީޑު ނަގައިދިނީ ދެ ވަނަ ހާފުގެ 34 ވަނަ މިނެޓްގައި ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ކެޕްޓަން ޖޯން ޓެރީ އެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ ގެރީ ކޭހިލް ނަގައިދިން ކޯނަރަކުން ތަނަވަސްވި ފުރުސަތަކުންނެވެ.

ޗެލްސީއަށް ލީޑް ނަގައިދިނުމަށްފަހު އެޓީމުގެ ކެޕްޓަން ޖޯން ޓެރީ އުފާފާޅު ކުރަނީ --- ފޮޓޯ/އޭޕީ
މިލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓްފަހުން މެޗްގައި ޗެލްސީގެ ތިން ވަނަ ލަނޑު ދެވަނަ ހާފުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބްރަޒިލްގެ މިޑްފީލްޑަރު ރަމިރޭސް އެވެ.
ޗެލްސީއިން ރޭގެ މެޗަށް ނިކުތީ އުނަގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެޓީމްގެ މިހާރުގެ އެއްވަނަ ގޯލް ކީޕަރު ބެލްޖިއަމްގެ ތީބަޓް ކޯޓްއާގެ ބަދަލުގައި އެ ޓީމުގެ ކުރީގެ އެއް ވަނަ ގޯލްކީޕަރު ޗެކް ރިޕަބްލިކްގެ ޕީޓާ ޗެކް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
މިމެޗުން މޮޅުވުމުން ޗެލްސީ އެއްވަނައިގައި އޮތީ 13 ޕޮއިންޓްގެ ބޮޑު ފަރަގަކާއެކުއެވެ. ޗެލްސީއަށް 80 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށާއި އެއް މެޗު މަދުން ކުޅެގެން ތިން ވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 67 ޕޮއިންޓެވެ.
މެއި 3 ވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވުމުން ޗެލްސީއަށް ލީގް ޗެމްޕިއަންކަން ކަށަވަރު ވެގެންދާނެއެވެ.

ރޭގެ މެޗްގައި ޗެލްސީގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެޓީމް ވަނީ ލީގް ޗެމްޕިއަންކަމާ ތިން ޕޮއިންޓާ ގާތަށް ޖެހިލާފައި --- ފޮޓޯ/އޭޕީ