30 Apr 2015, 09:56
ވޮޝިންޓަން (އެޕްރީލް 30) : އޭޝިޔާގައި އިތުރުވަމުންދާ ޗައިނާގެ ނުފޫޒާ ކުރިމަތިލުމުގައި އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމަށް ޖަޕާނުން ބުނެފި އެވެ.
އެމެރިކާގެ ކޮންގްރެސްގައި ތަގްރީރު ކުރައްވަމުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ވިދާޅުވީ ޗައިނާގެ އަސްކަރީ ބާރާއި އިގްތިސާދީ ނުފޫޒު އޭޝިޔާގައި އިތުރުވަމުންދާތީ އެމެރިކާއެކޭ އެއްގޮތަށް ޖަޕާން ވެސް ކަންބޮޑުވާ ކަމަށާ މިނުފޫޒާ ކުރިމަތިލުމަށް ޓަކައި އެމެރިކާއާ އެކު ކުރީ ސަފަށް ނުކުތުމަށް ޖަޕާން އޮތީ ތައްޔާރަށެވެ. އަބޭ ވިދާޅުވީ އެމެރިކާ ސިފައިން ޖަޕާނުގެ ސަރަހައްދީ ރޮނގުން ބޭރުގައި އޭޝިޔާގެ އެކިކަންކޮޅުތަކުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ބޭނުންވާ ލޮޖިސްޓިކް އެހީތެރިކަން ޖަޕާނަށް ފޯރުކޮށްދެވިދާނެ ކަމުގަ އެވެ.
އަބޭ އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިދިޔަ ބުދަ ދުވަހު ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ ވައިޓް ހައުސްގައި ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި، އޭޝިޔާގައި އިތުރުވަމުންދާ ޗައިނާގެ ނުފޫޒާ ކުރިމަތިލުމާ ބެހޭ ގޮތުން އަބޭ އޮބާމާ އާ މަޝްވަރާ ކުރެއްވި ކަމަށް މައުލޫމާތު ލިބެ އެވެ. މިކަމާ ބެހޭ އަސްކަރީ އެއްބަސްވުމެއްގައި އެމެރިކާ އާއި ޖަޕާން ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ޗައިނާ ވަނީ ދުނިޔޭގެ ދެވަނަ އިގްތިސާދުގެ ގޮތުގައި ޒަމާންތަކެއް ވަންދެންއޮތް ޖަޕާން ފަހަތަށް ޖައްސާލައި އެމަގާމުން 2009 ވަނަ އަހަރު ހޯދާފަ އެވެ. އަދި ޗައިނާ މިހާރު އުޅެނީ އިގްތިސާދީ ގޮތުން އެމެރިކާއާ ފައިހަމަ ކުރުމާ ވެސް ވަރަށް ގާތުގަ އެވެ.
މިގޮތުން 2017 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ގައުމީ އިގްތިސާދުގެ އާމްދަނީ އެމެރިކާގެ ގައުމީ އިގްތިސާދުގެ އާމްދަނީ އާ އެއްވަރުވާނެ ކަމަށާ 2020ގެ ކުރިން އެމެރިކާ ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެއް ވަނަ އިގްތިސާދުގެ މަގާމު ޗައިނާ ހޯދާނެ ކަމަށް އިގްތިސާދީ ލަފާކުރުންތައް ބުނެ އެވެ. އޭޝިޔާގައި އިތުރުވަމުންދާ ޗައިނާގެ ނުފޫޒާ މެދު ކަންބޮޑުވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ. ނަމަވެސް ޔޫރަޕުން މިކަމާ މެދު ކަންބޮޑުވުން ފާޅެއް ނުކުރެ އެވެ.
ޗައިނާ ގެންދަނީ އޭޝިޔާއާއި އެފްރިކާގެ ގައުމުތަކުގައި އެތައް ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރެއް އިންވެސްޓް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)