30 Apr 2015, 09:39
މޫސުން ގޯސްވެފައިވާ މާލެ ސަރަހައްދުން މިއަދު ހެނދުނު ނަގޫރޯޅިއެއް ފެނިއްޖެ އެވެ.
މަންޒަރު ދުށް ފަރާތްތަކުން މިއަދު ސަން މައުލޫމާތު ދެމުން ބުނީ، އެ ނަގޫރޯޅި ފެނިފައިވަނީ މިއަދު 9:00 ކަންހާއިރު މޫދަށް އެރޭ ޓްރެކް ސަރަހައްދާ ދިމާލު ކަނޑުން ކަމަށެވެ. އެ ނަގޫރޯޅީގެ އަސަރު އަދިވެސް ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ.
އެކަމާ ގުޅޭގޮތުން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު 9:00 ކަންހާއިރު މާލޭގެ ހުޅަނދު ދެކުނު ސަރަހައްދުން ނަގޫރޯޅިއެއް ފެނިފައިވާ ކަމަށެވެ. އެ ނަގޫ ރޯޅި އަދި ފެންނަމުންދަނީ ކަނޑުން ކަމަށާއި އެއްގަމަށް އަދި ނާރާކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނަގޫރޯޅި މާލެއަށް ނުވަތަ އެހެން ރަށަކަށް އަރާފާނެ ތޯ ސުވާލުކުރުމުން މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ، "އެހެން ދަންނަވަން ނޭނގޭ" ކަމަށެވެ.
މީގެ އެއްމަސް ކުރިން ވެސް ވަނީ މާލެ ސަރަހައްދުން ތިން ނަގޫރޯޅިއެއް ފެނިފައެވެ. ނަމަވެސް އެފަހަރު މެޓް އޮފީހުން ބުނެފައިވަނީ އެއީ "ގެއްލުމެއް ދެވޭފަދަ ބާރުދަގަ ނަގޫރޯޅުތަކެއް ނޫން" ކަމަށެވެ.
ނަގޫރޯޅި ފެންނަނީ މި ދުވަސްވަރަކީ މޫސުން ބަދަލުވާ ދުވަސްވަރުކަމަށް ވާތީ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.