އިސްލާމް އާބާދު (އެޕްރީލް 30) : އިންޑިއާއާ ގުޅުންތައް ރަނގަނޅު ކުރުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް މިކަމަށް އިންޑިއާ ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ސައޫދީ އަރަބިޔާގައި އިނގިރޭސިބަހުން ނުކުންނަ ނޫހެއް ކަމަށްވާ ސައޫދީ ގެޒެޓް އަށް ދެއްވި ބަޔާނެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް ވިދާޅުވީ ޕާކިސްތާނާ ގުޅުންތައް ރަނގަޅު ކުރުމަށް އިންޑިއާ ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދޭކަމުގަ އެވެ.

"ގުޅުންތައް ރަނގަޅު ކުރުމަށް އެއްފަރާތުން މަސައްކަތްކުރިޔަސް އެކަމެއް ނުވާނެ،" ނަވާޒް ޝަރީފް ވިދާޅުވި އެވެ.

ކަޝްމީރުގައިވާ ލައިން އޮފް ކޮންޓްރޯލަކީ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅިފައިވާ ސަރަހައްދީ ރޮނގެވެ. މި ރޮނގު ހުރަސްކޮށް ޕާކިސްތާނާއި އިންޑިއާ ސިފައިން ފާއިތުވި ދެތިން މަސްތެރޭގައި ބަދަލުކުރި ޙަމަލާތަކުގައި 10 މީހުން މަރުވެފައިވެ އެވެ.
މިޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓުވޭނެ ގޮތްތަކާ ބެހޭ ގޮތުންނާ އަދި ދެގައުމުގެ މެދުގައި އިތުބާރު އުފައްދައި ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި އިންޑިއާގެ ބޮޑުވަޒީރާ ޝުޝްމާ ސްވަރާޖް އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ސަރްތާޖް އަޒީޒް، މިދިޔަ މަހުވަނީ އިސްލާމް އާބާދުގައި ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުމަށް ފަހު ވެސް ދެގައުމުގެ ގުޅުންތަކަށް ހެޔޮ ބަދަލުތައް އަންނަމުން ނުދާކަމަށް ނަވާޒް ޝަރީފު ވިދާޅުވި އެވެ. (ސައޫދީ ގެޒެޓް)