30 Apr 2015, 01:25
ދިއްގަރު ދާއިރާއަށް އަމިލަގޮތުން މެންބަރުން ކުރިމަތިލާފައިވަނީ "ޕީޕީއެމްގެ އަޑިން މެންބަރުން އެދިގެން" ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު އިންތިޚާބުން ފެއިލްކޮށްލުމަށް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް" އިދިކޮޅު ފަރާތްތަކުން ހަދާފައިވާ ސްޓިއަރިންގް ކޮމިޓީން މިރޭ ސޯލްޓް ކެފޭގައި ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫނުގެ ތަރުޖަމާނެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ ހަގުގައި އެންމެ ބޮޑު ގުރުބާނީތަށް ވީ ލީޑަރުން ނައްތާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު ޕީޕީއެމުން ފައްސާލުމަށް އަޑިއަޑިން މަސައްކަތަކެއް ކުރާކަން އެނގޭކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
" މިހާރު ދިއްގަރު ދާއިރާއަށް ބަލާލި ކަމުގައިވިޔަސް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ފީޑްކޮށްފައި ތިބީ ޕީޕީއެމް ވަކި ފެކްޝަނެއްގެ ކެންޑީޑޭޓުން. އެއީ ހަމަ ސީދާ މައުމޫނު އަބްދުލް ގައްޔޫމުގެ ބާރު ޕީޕީއެމް ތެރެއިން ކަނޑާލަން،" އަލީ ވަހީދު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ޖަލްސާ ތަކުގައާއި ބައްދަލުވުން ތަކުގައި އަނިޔާވެރިކަމާ ދެކޮޅަށް ނުކުމެ ކާމިޔާބު ހޯދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ މިރޭވެސް އޭނާ ވަނީ ތަކުރާރު ކުރައްވާފަ އެވެ. އަދި ހުކުރު ދުވަހު "އަނިޔާވެރިކަން ނިންމަން" ހިންގާ ހަރަކާތުން ކާމިޔާބު ހޯދާނެ ކަމަށްވެސް ވަނީ އަލީ ވަހީދު ވިދާޅުވިއެވެ.
ހުކުރު ދުވަހު ބާއްވާ ހަރަކާތުގައި ބައިވެރި ވުމަށް އަތޮޅުތަކުގެ ރަށްރަށުން މީހުން މާލެ އަންނަން ފަށާފައިވާއިރު، އެހަރަކާތަށް ނުކުންނަ ފަރާތްތަކުން ތުވާލު ކިރުޕެކެޓް ފެންފުޅި އަދި ތުވާލި ފަދަ ތަކެތި ގެންދިއުމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
އިދިކޮޅު ފަރާތްތަކުން މިހެން ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި އެއްވުމުގައި ބައިވެރިވި މީހުން ކެއިންބުއިމާއި ނިދުމުގެ އިންތިޒާމް ހަމަނުޖެހިގެން ފުލުހުންގެ އެހީއަށް އެދިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފައި ވަނިކޮށެވެ.