އިންޑިޔާއަށް ސަރުކާރުގެ ބައެއް އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ބައްދަލު ކުރެއްވެވި އެ ގައުމުގެ އިސް ވެރިންގެ ތެރޭގައި އިންޑިޔާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް އެސްއެމް ކްރިޝްނާ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝިވްޝަންކަރު މެނަން ހިމެނެ އެވެ. މީގެއިތުރުން، އިންޑިޔާގެ ވެރިކަންކުރާ ޔުނައިޓެޑް ޕްރޮގްރެސިވް އެލައަންސްގެ ޗެއާޕާސަން އަދި ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިޔާ ގާންދީ އާއި، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ނިރުޕަމާ ރޯއީއާ ވެސް ރައީސް ބައްދަލު ކުރެއްވެވި އެވެ.

ރައީސްގެ ބައްދަލު ކުރެއްވުންތަކުގައި ރާއްޖެއާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވެވި އެވެ.

އެ ގޮތުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝިވްޝަންކަރު މެނަންއާއެކު ބޭއްވެވި ބައްދަލުވުމުގައި ސާކް ސަމިޓަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކާއި ކަނޑުފޭރޭ މީހުންގެ ނުރައްކާ، މި ސަރަޙައްދުގައި އިތުރުވެފައިވާ މިންވަރާއި، މިކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް ދެ ޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިޔާގެ ޔުނައިޓެޑް ޕްރޮގްރެސިވް އެލައަންސްގެ ޗެއާޕާސަން ސޯނިޔާ ގާންދީއާ ބައްދަލުކުރައްވައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އެކަމަނާއަށް ދަޢުވަތު ދެއްވިއެވެ.

ރައީސްގެ އިންޑިޔާއަށް ފެއްޓެވި ދަތުރުފުޅަކީ، "ވޯލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ:ކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގެންނެވުމަށް ފެއްޓެވި ދަތުރުފުޅެކެވެ.