30 Apr 2015, 09:08
ކަތަމަންޑޫ، ނޭޕާލް - ނޭޕާލަށް އައި ބާރުގަދަ ބިންހެލުންތަކުގައި ވެއްޓި ބިމާހަމަވެފައިވާ އިމާރާތެއްގެ ދަށުން ހަތަރު މަހުގެ ތުއްތު ފިރިހެން ކުއްޖަކު ދިރިހުއްޓައި ސަލާމަތްކޮށްފި އެވެ.
ނޭޕާލުގެ ނޫހެއް ކަމަށްވާ ކަތަމަންޑޫ ޓުޑޭއާ ހަވާލާދީ ދަ އިންޑިޕެންޑެންޓް ނޫހުގައި އިއްޔެ ބުނެފައި ވަނީ، އެ ތުއްތު ކުއްޖާ ފެނިފައި ވަނީ ބިންހެލުން އައިތާ 22 ގަޑިއިރު ފަހުން ކަމަށެވެ.
މިހާރު ނޭޕާލުގައި ކުރިއަށްދާ މީހުން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން ސަލާމަތްކުރި އެ ތުއްތު ކުއްޖާއަށް މާބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ އިރު، ހޮސްޕިޓަލުގައި އޮތީ ސްޓޭބަލް ހާލަތުގަ އެވެ.
"މީހުން ހޯދުމުގައި ހަރަކާތްތެރިވި ނޭޕާލުގެ ސިފައިންނަކަށް ފުރަތަމަ އެ ކުއްޖާ ނުފެނުނު. ނަމަވެސް ބަލަމުން ދިޔަ ސަރަހައްދުގައި ވެއްޓި ފުޑުފުޑުވެފައިވާ އިމާރާތެއްގެ ދަށުން ރޯއަޑެއް އިވުމުން މުޅި ސަރަހައްދު ހޯދި،" ކަތަމަންޑޫ ޓުޑޭއާ ހަވާލާދީ ދަ އިންޑިޕެންޑެންޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ބިންހެލުމުގައި ބިމާހަމަވި ނޭޕާލުގެ ހޮޓަލެއްގެ ދަށުންގައި ތިން ދުވަސް ވަންދެން ތާށިވެފައި އޮތް ފިރިހެނެއް ވެސް ވަނީ އިއްޔެ ސަލާމަތްކޮށްފަ އެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައި ވަނީ، ރިޝީ ކަނާލް ނަމަކަށް ކިޔާ އުމުރުން 27 އަހަރު އެ ފިރިހެން މީހާ ސަލާމަތްވެފައި ވަނީ އަމިއްލަ ކުޑަކަމުދާ ތަކެތި ބޮއެގެން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު 7.9 ގެ ބާރުމިނުގައި ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 5000 މީހުން މަރުވެ، 6500 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ. އޮފިޝަލުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު ދެގުނަ އިތުރުވެ، 10،000 އަށް އެރުމުގެ ބިރު އެބައޮތެވެ. (ދަ އިންޑިޕެންޑެންޓް)