އޭޝިއަން އަންހެން ވޮލީ ބޯލް 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ 23 އަހަރުންދަށުގެ އަންހެން ގައުމީޓީމް ފިލިޕީންސަށް ފުރައިފިއެވެ.

ރޭގައި ފިލިޕީންސަށް ފުރި ޓީމްގެ އަމާޒަކީ ވަރުގަދަ ޓީމްތަކާއި ކުޅެން ޖެހޭތީ މެޗްތަކުން ރަނގަޅު ކުޅުމެއް ދައްކައި ކާމިޔާބު ހޯދުންކަމަށް ވޮލިބޯލް އެސޯސިއޭޝަންގެ އިސް އޮފިޝަލެއް ކަމުގައިވާ އަޙްމަދު ޙުސައިން (ދޮނާ) ވިދާޅުވިއެވެ.

ދޮނާ ވިދާޅުވީ ރާއްޖެއިން މުމުބާރާތުގައި ތަމްސީލު ކުރާ ކުޅުންތެރިންނަކީ އަދި ވަރަށް ތަޖުރިބާ މަދު ކުޅުންތެރިންކަމަށާއި އެހްންކަމުން އަމާޒަކީ މެޗްތަކުގައި ރަނގަޅު ކުޅުމެއް ދެއްކުމެވެ.

ޓީމްގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިބްރާހިމް ޖަލީލް (ޖައްލަ) އެވެ.

އޭނާ ވިދާޅުވީ ޖައްލަގެ އިރުޝާދުގެ ދަށުން ޓީމްގެ ކުޅުންތެރިން ފެބްރުއަރީ މަހުން ފެށިގެން މިމުބާރާތަށް ތައްޔާރު ވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔަކަމަށެވެ.

މުމުބާރާތުގައި ރާއްޖޭގެ ޓީމް ލައްވާލީ ޕޫލް (ގުރޫޕް) ސީ ގައެވެ. މިޕޫލްގައި ދެން ހިމެނެނީ ޖަޕާންއާއި ޗައިނީސް ޓައިޕޭއެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ނިކުންނާނީ އަންނަ ހުކުރު ދުވަހު ޖަޕާނާ ދެކޮޅަށެވެ. އަދި ޕޫލްގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗް ޗައިނީސް ޓައިޕޭއާ ދެކޯލަށް ނިކުންނާނީ މެއި މަހުގެ ތިން ވަނަ ދުވަހުއެވެ.

ޕޫލް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމް ދާނީ ކްއާޓާ ފައިނަލަށެވެ.