އަތޮޅުތަކުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުން މާލެވަޑައިގެން އުޅުއްވާނަމަ، ސަބަބު ބަޔާންކޮށް ވީއެންމެ އަވަހަކަށް އެކަން އެންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝް (ޑީޖޭއޭ) އެދިއްޖެ އެވެ.

ޑީޖޭއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އަތޮޅުތަކުގެ ކޯޓުތަކުގެ މެޖިސްޓްރޭޓަކު ވިޔަސް އަދި ކޯޓުގެ މުވައްޒަފަކު ވިޔަސް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭނަމަ އެސްއެމްއެސް މެދުވެރިކޮށް އެކަން އެ ޑިޕާޓްމަންޓަށް އަންގައިދިނުމަށް އެދޭ ކަމަށެވެ.

އެސްއެމްއެސް ކުރަންޖެހޭ ނަންބަރުތަކަކީ 7785864، 7786365، 7784726 ކަމަށް އެ ބަޔާނުގައި ވެއެވެ.

އެސްއެމްއެސް މެދުވެރިކޮށް މާލޭގައި އުޅޭ މެޖިސްޓްރޭޓުންނާއި ކޯޓުތަކުގެ މުވައްޒަފުންގެ ގިނަ މައުލޫމާތުތަކެއް ހޯދަން ޑީޖޭއޭ އިން ވަނީ އެދިފައެވެ. އޭގެތެރޭގައި އެމީހެއްގެ ފުރިހަމަ ނަމާއި އަދާކުރާ ވަޒީފާ އާއި މިހާރު މާލޭ ސިޓީގައި ހުންނަ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރާއި މާލޭގައި ހުންނަވާ ބޭނުން ހިމެނެއެވެ.

އެ މައުލޫމާތުތައް ހޯދަނީ ކޮން ބޭނުމެއްގައި ކަމެއް އެ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.

ޑީޖޭއޭއިން މިފަދަ އެންގުމެއް އަންގާފައިވާއިރު އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވާ "މޭޑޭ ހަރަކާތުގައި" ބައިވެރިވުމަށް ދައުލަތުގެ ޚަރަދުގައި އަންނަ ކައުންސިލަރުންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ހޯމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.