30 Apr 2015, 09:57
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްލާމިކް ޔުނިވާސިޓީގެ ބިލުގެ ދަށުން ރާއްޖޭގައި ގާއިމްކުރެވިގެންދާ ޔުނިވާސިޓީ ވެގެންދާނީ "އިލްމީ ދަންމަރު މުޅި ރާއްޖެއަށް ފަތުރާލާނެ މަރުކަޒަކަށް" ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ކްލިކް ކޮލެޖްގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވަމުން އަންނަ އިރު އެ ބިލަކީ ދިވެހި މުޖުތަމައަށް ވަރަށް މުހިންމު ބިލަކަށް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މި ޔުނިވާސިޓީ ވެގެންދާނީ، ދިވެހިންގެ އިލްމީ ދަންމަރު މުޅި ރާއްޖެއަށް ފަތުރާލާނެ މަރުކަޒަކަށް. އަދި ދިވެހިންގެ އާދަކާދަ އާއި ސަގާފަތް އިލްމީ ގޮތަކަށް ދިރާސާކޮށް ތަހުގީގީ ނަޒަރަކުން ކަންތައްތައް ހޯދުމަށް މިއީ މުހިންމު އިލްމީ ވަސީލަތެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ކަންކަން ބަލަހައްޓާ ކައުންސިލުން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް ވެސް ނައިބުރައީން ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީންގެ އިރުޝާދުގެ މަތިން ދިވެހިރާއްޖޭގެ މަތީ ތައުލީމާ ބެހޭ ކައުންސިލުން އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖްތަކަށް ކުރިއަށްދެވޭނެ ގޮތް ގާއިމްކޮށްފައިވާ ފާހަގަކުރެއްވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، މަތީ ތައުލީމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ލޯނުގެ ގޮތުގައި ސަރުކާރުން 2258 ކުދިންނަށް ފުރުސަތު ހޯދައިދީފައިވާ ކަމަށާއި ލޯނާއި ސްކޯލާޝިޕްގެ ގޮތުގައި މުދައްރިސުން ތަމްރީނުކުރުމަށް 80 ފުރުސަތު ދެއްވާފައިވާ އިރު ފުލް ސްކޯލާޝިޕްގެ ގޮތުގައި 470 ފުރުސަތު ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގައި މަތީތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ވީހާވެސް ބޮޑަށް އެ ފުރުސަތު ފަހިކޮށްދިނުން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިސްލާމިކް ޔުނިވާސިޓީގެ ބިލު ފާސްކުރައްވަން ވޯޓު ދެއްވީ 55 މެމްބަރުން ނެވެ.