30 Apr 2015, 09:45
އެއީ ގާތްގަނޑަކަށް މީގެ 10 އަހަރު ކުރި އެވެ. ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. މުޅި ރާއްޖެ ނާމާން ކޮށްލީ ވަށިގެން އޮތް ކަނޑުން ރަށު ތެރެއަށް ބަންޑުން ކޮށްލި ބޮޑު ރާޅެވެ. އަމާން ކަމަށް ދިވެހިން ދެކުނު ކަނޑުން އެރި އެރާޅާ އެކު އެތައް ދިރިއުޅުމެއް ވިއްސިވިހާލިވި އެވެ. އެ ކޮންމެ ފަރުދަކަށް އެހީތެރިވީ އެއްކަހަލަ ދީލަތި ހިތްހެޔޮ ދިވެހީންނެވެ. ގޭގޭގަޔާއި ފިހާރަތަކުގައި ހުރި މުދާތައް ނެރެ ބަހަން ފެށި އެވެ. އަމިއްލަ ނަފްސަށް ކުރާ ލޯބި އެހެން ފަރުދުންނަށް ވެސް ކުރި އެވެ. އެއީ ފަހުރުވެރި މާޒީއެކެވެ.
އޭގެ ފަހުން ކިތަންމެ ޒަމާނެއް ވިޔަސް އަދި ސިޔާސީ ފިތުނައާއި ފޯރި ކިތަންމެ ގަދަވިޔަސް ދިވެހިންގެ އެ ރިވެތި އަހުލާގަށް ބަދަލެއް ނާދެ އެވެ. ދިވެހިންގެ ދީލަތިކަމާއި ހިތްހެޔޮ ކަމާއި ދިވެހި ވަންތަ ކުލުނުގެ މިސާލު މިއަދު ވެސް އެދަނީ ދައްކަމުންނެވެ. ނޭޕާލަށް ދިމާވި ހާދިސާ އިން އެކަން ރަނގަޅަށް ހެކިދެ އެވެ.
ކަތަމަންޑު އަށް ރިކްޓާ މިންގަނޑުން 7.9 މެގްނެޑިއުޑްގެ ބާރު މިނުގައި އައި ބިންހެލުމެއްގައި ނޭޕާލްގެ އެތައް އިމާރާތެއް ބިމާހަމަވެ އެތައް ހާސް ބަޔަކު މަރުވި އިރު އެގައުމުގައި އެވަގުތު 100 އަށް ވުރެ ގިނަ ދިވެހިން ތިއްބެވެ. އޭގެ ތެރޭގައި ހަތް ތުއްތު ކުދިން ހިމެނޭ އިރު ދެން މުޅިން ވެސް ތިބީ ނޫކަށި ފުރައިގެ ޒުވާނުންނެވެ. އެ ބިން ހެލުމާ އެކު ކުއްލިއަކަށް ބިންގަނޑު ތެޅެން ފެށި އެވެ. ބިމުގައި ފައިހަރުކޮށްގެން ވެސް ހުރެވެނީ ކިރިޔާ އެވެ. ބާރު ގަދަ އަޑުފަށްގަނޑުތަކާ އެކު ދެން އިވެން ފެށީ ގޭގެ ހަތަރު ފާރުގައި ރެނދުލި އަޑެވެ. އެއާއެކު މީހުންގެ ރުއިމާއި ހަޅޭކުގެއަޑެވެ. މުޅި ސަރަހައްދު އެއް އަޑަކުން ގުގުމާލާފައި ވަނީ ނާމާންކަމާއި ބިރުވެރިކަމުގެ އަޑާއެކު އެވެ. އެމީހެއްގެ ނަފުސު ފިޔަވައި އެހެން ކަމަށްކަށް ނުވިސްނޭ ވަރަށް ކަންކަން ހިނގައިގޮސްފި އެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހު ނޭޕާލަށް އައި ބިންހެލުން އެގައުމުގައި ތިބި ދިވެހިން ސިފަކުރާގޮތެވެ.
ދިވެހިންގެ ތެރެއިން އެއް ބަޔަކު ވެރިރަށް ކަތަމަންޑޫގައި ތިބިއިރު ދެން ތިބި ބަޔަކު ތިބީ އެގައުމުގެ އެކި ހިސާބުތަކުގައެވެ. މާތްﷲގެ ހެޔޮ ރަހުމަތާއެކު އެ ނުރައްކާތެރި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާއިރު ދިވެހިން ވަނީ ދިރިހުރި ނަމޫނާއެއް ދައްކާފައެވެ. ތިމާ އަމިއްލައަށް ސަލާމަތަށް އެދޭ ފަދައިން އަނެކާގެ ސަލާމަތަށް މަސައްކަތްކޮށްގެނެވެ. ހާދިސާއާއެކު ނޭޕާލުގައި ތިބި ހުރިހާ ދިވެހީން ބެލީ އެކަތި ގަނޑަކަށްވެ އެއްވުމަށެވެ.
"އަޅުގަނޑުމެން ގޭގައި ހުންނަން ނުކެރިގެން ސްލީޕިން ބޭގް ހިފައިގެންގޮސް ހުސްބިމެއްގައި ތިބީ. އޭރު ދިވެހިންނަކާ އަޅުގަނޑާ އެއްވެސް ކޮންޓެކްޓެއް ނެތް. ދެން ފަހުން ވަރަށް އުނދަގުލުން ނެޓުވޯކް ލިބިގެން އަޅުގަނޑު ދިވެއްސަކަށް ގުޅީ. ގުޅިއިރު ގިނަ ދިވެހިން ވަނީ ޓީޗިން ހޮސްޕިޓަލް ކައިރީ އޮންނަ ހުސް ބިމަކަށް އެއްވެ،" މަތީ ތައުލީމް ހާސިލް ކުރުމަށް އަނބިމީހާއާއި ތިން އަހަރުގެ ދަރިފުޅު ގޮވައިގެން ނޭޕާލުގައި ދިރިއުޅެމުންދިޔަ ޑރ. އަބްދުﷲ އިސްނީން ހިލްމީ ވިދާޅުވި އެވެ.
އަށް އަހަރަށް ވުރެ ގިނަ ދުވަހު ނޭޕާލުގައި ދިރިއުޅެފައިވާ ޑރ. އިސްނީން އޭނާއަށް އެދުވަހު ކުރެވުނު ތަޖުރިބާ ސަންއާ ހިއްސާކުރައްވަމުން ވިދާޅުވީ، ބިންހެލުމުގައި ހާލުޖެހުނު ދުވަހުން ފެށިގެން އޭނާ ރާއްޖެއަށް އާދެވެންދެން ފަސް ދުވަސްވަންދެން 90 ވަރަކަށް ދިވެހިންނާއެކު ހުސްބިމެއްގައި ރެފިއުޖީ ހާލުގައި އުޅެފައިވާއިރު ދިވެހީންގެ ފަރާތުން ފެނިފައިވަނީ އާދަޔާ ހިލާފު އޯގާތެރި ކަމެއް ކަމަށެވެ. ނޭޕާލު ޕޮލިސް އެކެޑަމީގެ ހުސްބިމުގައި އެހުރިހާ ދިވެހިން އެކުގައި އުޅުނީ އެއް އާއިލާއެއް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް އެއްބައި ވަންތަ ކަމާއެކު ހުރިހާ އެއްޗެއްވެސް ޝެއާ ކޮށްގެން އުޅެވުނީތީ ފަސް ދުވަހަށް ވެސް އުޅެވުނީ. ފެނާއި އެހެނިހެން ތަކެތި ވެސް ވަރަށް ދަތިވި. ވުޟޫ ކުރަންވެސް ފެން ނެތިގެން ތަޔަމަމް ކޮށްގެން ނަމާދުވެސް ކުރެވުނީ،" ބިންހެލުމުގެ އެ ބިރުވެރި ކާރިސާގެ ވާހަކަތައް ކިޔައިދެއްވަމުން ޑރ. އިސްނީން ވިދާޅުވި އެވެ.
ޑރ. އިސްނީން ވިދާޅުވި ގޮތުގައި ބިންހެލުމުގެ ކާރިސާއާ ގުޅިގެން ހުސްބިމަކަށް އެއްވެ ތިބި ދިވެހީންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ފެން ނުލިބުމެވެ. އެހެން ކަމުން އެދުވަސްތަކުގައި މައިގަނޑު ކާނާއަކަށް ބޭނުންކުރީ ނޫޑުލީހެވެ. ކިތަންމެ ބަނޑުހައިހޫނު ކަންމަތީ ހުރެގެންވެސް، ބޭނުންވާ އެތައް ޒަރޫރީ ބޭނުމެއް ނުފެއްދޭ ހާލަތުގައި ވެސް ދިވެހިން ވަނީ އެކަކު އަނެކަކު ކެއިތޯ ބަލައި ހާލުބަލާފައެވެ.
"ވަރަށް ސީނިއާ ޑޮކްޓަރުންނާއި މީހުން ތިބީމަ އެމީހުން ވަރަށް އޮގަނައިޒްކޮށް ހުރިހާ ކަމެއް ކުރީ. ދެން ޖޫނިއާ ކުދިން ބެލެހެއްޓުމާއި ވަރަށް އޯގަނައިޒްކޮށް ހުރިހާ ކަމެއްވެސް ކުރީ އެތާގައި،" ބިންހެލުން އައި ވަގުތު ޕޮކަރާގައި ހުރުމަށް ފަހު މިދިޔަ ހޯމަ ދުވަހު ކަތަމަންޑޫގައި ތިބި ދިވެހިންގެ ކޭމްޕަށް ދިޔަ އުމުރުން 22 އަހަރުގެ ޒުވާން އަންހެން ދަރިވަރަކު ބުންޏެވެ.
ތިމާއަށް އަމިއްލަ ސަލާމަތްކަން ލިބުނުކަން ޔަގީންވުމާ އެކު ދެން އެންމެން ވެސް އަވަސްވެގަތީ އާއިލާތަކަށް ގުޅުމަށެވެ. އާއިލާތަކުގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސް ރައްކާތެރި ކަމާއެކު ތިބި ކަމުގެ ހަބަރު ދިނުމަށެވެ. ނަމަވެސް އެކަންވެސްވީ ބޮޑު ގޮންޖެހުމަކަށެވެ. ފޯނު ކުރުމަށް ލިބުނީ ދެތިން ފޯނެކެވެ. ނެޓްވޯކަށް ދިމާވި މައްސަލަތަކާއެކު ވެސް އެހުރިހާ އެންމެންގެ އާއިލާތަކަށް ގުޅުމުގެ ފުރުސަތު ކެތްތެރިކަމާއެކު އެންމެންނަށް ވެސް ވަނީ ދީފަ އެވެ.
"އެންޓީސީ ނެޓުވޯކެއް، އެނެޓްވޯކް ނަމްބަރު ގެންގުޅުނު ހަތަރު ވަރަކަށް ކުދީން. ދެން އެންޓީސީ އިނީމަ ނޭޕާލަށް ވެސް އެހެން ހުރިހާ ގައުމަކަށް ވެސް އިނީ ފްރީކޮށްފައި. ސޯ، އެ ހަތަރު ފޯނުން ހުރިހާ ކުދިންވެސް ގުޅަނީ،" މެޑިކަލް ދާއިރާ އިން ތައުލީމް ހާސިލް ކުރަންގޮސް ހުރި ދަރިވަރަކު ބުންޏެވެ.
އަމިއްލަ ނަފުސާއި ދިވެހިންގެ ހާލު ބެލުމަށް ފަހު އެވަރުން ފުއްދާލީއެއް ވެސް ނޫނެވެ. އެ ހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރުވުމަށް ވެސް ކަށިން ހިތްވަރު ނެރެ، ހަރަކާތްތެރިވީ އެވެ. ނޭޕާލުގައި ޑޮކްޓަރު ކަމުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރަމުން ދިޔަ ގިނަ ފަރާތްތަކުން ވަނީ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އަމަލީ ގޮތުން އެހީތެރިވެދީ، އެވަގުތަކު ދެވެން ހުރި ފަރުވާއެއް ދިނުމުގައި ހަރަކާތްތެރިވެފަ އެވެ.
"ކުޑަކުދިންގެ ސާޖިކަލް އައިސީޔޫގައި. އެތަނުގައި ތިބި ކުދިން. އެވަގުތު ބިންހެލުން އައިގަޑީގައި އެތަނުގައި ހުރި އޮކްސިޖަން ފުޅިތަށް ފުރަތަމަ ބަންޑުންވި. ދެން އޮކްސިޖަން ލޫސްވެގެން ބަންދެއް ނުކުރެވުނު. ދެން އަޅުގަނޑުމެނަށް ޖެހުނީ އޮކްސިޖަން ކަނޑާލަން. ބައެއް ކުދިންނަށް އޮކްސިޖަން ނުލިބި މަރުވާން ވެސް މެދުވެރިވި،" ހާލުގައިޖެހިފައިވާ ނޭޕާލުގެ ރައްޔިތުންނަށް އެހީތެރިވި ގޮތް ކިޔައިދެމުން ޑރ ދުސޫމާ ވިދާޅުވި އެވެ.
ހާލުގައިޖެހިފައިވާ ނޭޕާލުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވި 91 ދިވެހިން މިހާރު ރާއްޖެއަށް ގެނެސްފައިވާއިރު އެފަރާތްތަކަށް އެހީތެރިވުމަށް ދައުލަތުން ކޮށްދިން ހިދުމަތަކީ ވެސް އޯގާތެރިކަމުގެ ނަމޫނާއެކެވެ.
ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކޮންމެ ދުވަހު އެ ދިވެހިންގެ ހާލު ބައްލަވަމުން ދިޔަ ދިއުމާއި އެ މިނިސްޓްރީއާއި ސާކުގެ އިސްފަރާތްތަކާއި ގައުމީ އެއާލައިން މޯލްޑިވިއަން އިން ދިވެހިންގެ ޚިދުމަތުގައި ހޭލައިތިބެ ކޮށްދިން މަސައްކަތްތަކަށް ޝުކުރު ހައްގެވެ.
މީގެ 10 އަހަރު ކުރިން ފެނުނު އޯގާތެރިކަން އަދިވެސް ދިވެހިންގެ ހިތްތަކުގައި ސާބިތުކަމާ އެކު ހުރިކަން މިމިސާލުންވެސް ހެކިދެ އެވެ. އެހެންކަމުން ނޭޕާލުގައި ދިވެހީން އެދެއްކި ނަމޫނާއަކީ ގައުމީ ނަމޫނާއަކަށް ބަލައިގެން ކުރިއަށްދާން ޖެހެ އެވެ.