29 Apr 2015, 23:53
ތައުލީމީ ޒުވާނުން ތިބިނަމަވެސް، ޒުވާނުންގެ މެދުގައި މަސައްކަތުގެ އަހުލާގު ނެތުމަކީ ގައުމުގެ ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ކްލިކް ކޮލެޖްގެ ގްރެޖުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވަޒީފާތަކުގައި މިއަދު މަސައްކަތް ކުރަމުން އަންނަ ގިނަ ޒުވާނުން މަސައްކަތް ކުރަމުން އަންނަނީ އެކަމަށް ދޭންޖެހޭ ފުރިހަމަ ޝައުގުވެރިކަން ދީގެން ނޫން ކަމަށެވެ.
"ތައުލީމީ ޒުވާނުން އިތުރުވި ނަމަވެސް މިއަދު މުޖުތަމައުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރާ ޒުވާނުން ވަނީ މަދުވެފައި. ވަޒީފާ ދޭ ފަރާތުގެ އިތުބާރު ހޯދުން ވަނީ މަދުވެފައި. ނަފްސަށް ލޯބިކުރާ ފަދައިން ވަޒީފާއާ މެދު ލޯބިވަނީ ކިތައް މީހުންތޯ. މިއީ މިއަދު ސުވާލު އުފެދޭ ކަމެއް. ވަޒީފާ ހޯދުމަށްފަހު ވަޒީފާއަށް އުޒުރުދެއްކުން މިއަދު އާންމުވެއްޖެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ނައިބު ރައީސް ޖަމީލް ވިދާޅުވީ ރަނގަޅު ވަޒީފާއެއް ހޯދުމަކީ ބުރަ ކަމަކަށް ވިޔަސް، ވަޒީފާއަށް ކަމޭހިތައިގެން ގަޑިއަށް ވަޒީފާއަށް ނުކުތުން އެއަށްވުރެ ބޮޑު ކަމަކަށް މިއަދު ހަދާފައިވާ ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ މެދުގައި އެ ޝައުގު ނެތުމުން އަމިއްލަ އަތުން ކުރެވިދާނެ އެތައް ކަމެއް ދޫކޮށްލަން ޖެހެނީ އެހެން ފަރާތްތަކެއްގެ އަތް މައްޗަށް ކަމަށް ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިވެހިންގެ ތާރީހުގައި ލިޔެވިފައި އޮތީ ދިވެހިންނަކީ ވަރަށް މުރާލި ވަރަށް ހީވާގި ބައެއް ކަމަށް. ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވާން ފަށާފައި. މަހުގެ ފުރަތަމަ ކޮޅު ވަޒީފާއަށް ރަނގަޅަށް ނުކުމެއްޖެނަމަ ބާކީ އޮތްބައި މަކަރުހަދާނެ ގޮތެއް ހޯދުން ވަނީ އާންމުވެފައި،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ކީރިތި ރަސޫލާގެ ޙަދީޘްފުޅަކަށް އަލިއަޅުއްވާ ދެއްކެވި ވާހަކަފުލުގައި ވަޒީފާ ހޯދައިގެން މަސައްކަތް ކުރަމުން އަންނަ ޒުވާނުންނަކީ ކަމަށް ކަމޭހިތައިގެން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް ޑރ. ޖަމީލް ނަސޭހަތްތެރިވެލެއްވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު ކްލިކް ކޮލެޖުން ގްރެޖުއޭޓްވި 132 ކުއްޖަކަށް ވަނީ ދަސްވެނިވިކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.