29 Apr 2015, 21:35
މާފަންނުގައި ހުންނަ މާބުލް ގެސްޓު ހައުސް ކައިރީގައި ހުންނަ ގުދަނެއްގެ ތެރެއަށް ވައްދަމުން ދިޔަ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގަނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ ޓެކްސީއެއްގެ ޑިކީގައާ ފަހަތު ސީޓުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް މާބުލް ގެސްޓު ހައުސް ކައިރީގައި ހުންނަ ގުދަނަކަށް ވައްދަމުން ދަނިކޮށް އަތުލައިގެންފައި ވަނީ މިރޭ 9:45 އެހާކަންހާއިރު ކަމަށެވެ.
މާބުލް ގެސްޓު ހައުސްގެ ގުދަނެއްގެ ތެރެއަށް ވައްދަމުން ދިޔަ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާ އެކު ހައްޔަރު ކުރި މީހުން-- ސަން ފޮޓޯ/ އަލީ ނަސީރު
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ތިން ދިވެެއްސަކާއި އެއް ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ހަމައެއާއެކު ބަނގުރާ ފުޅިތައް ގެނައި ޓެކްސީ ދުއްވަން އިން ޑުރައިވަރު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ގުދަނަކީ މާބުލް ގެސްޓު ހައުސްގެ މުވައްޒަފުން ނިދުމަށް ބޭނުން ކުރާ ތަނެކެވެ. އަދި އެ ތަނުގައި ހަކަތަ ކުންފުނީގެ މުވައްޒަފުންތަކެއް ވެސް އުޅެމުން ދެ އެވެ. ހަމައެއާއެކު މިރޭ ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން މާބުލް ގެސްޓު ހައުސްގެ މުވައްޒަފަކު ވެސް ހިމެނެ އެވެ.
އެ ގުދަނަށް ޓެކްސީގައި މިރޭ ގެނައި 8 ލަގެޖުގެ ތެރެއިން ހަތް ލަގެޖުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހުއްޓެވެ.
ފުލުހުން މިރޭ ހޯދާފައި ވަނީ ޖުމްލަ 106 ބަނގުރާ ފުޅި އެވެ.