ފެންމަތިވެގެން އުޅޭ ބްލެކްމެއިލް ކުރުމުގެ މައްސަލައަށް އަމާޒުކޮށް ދުވަހު ނޫސް ހަވީރުން ލިޔުނު ރިޕޯޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ. ފުލުހުންގެ އެދުމަކަށް ހަވީރުގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަށަވަރުކޮށްދިން ނަމަވެސް އަމުރުގައި ބުނާ ވާހަކަތަކުގެ ތަފުސީލެއް ނުދިނެވެ.

ހަވީރުގެ އެޑިޓަރު މޫސާލަތީފު ވިދާޅުވީ ލިޔުމަކާ ގުޅޭ ގޮތުން ހަވީރުގެ މައްޗަށް އަމުރެއް ނެރުނު ކަމަށް ބުނާ ހަބަރުތަކެއް ލިބޭ ކަމަށާއި ނަމަވެސް އެކަން އަދި ހަވީރަށް އަންގާފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ ހަވީރުގެ މައްޗަށް އަމުރެއް ކޮަށް ދިނުމަށް ކްރިމިނަލް ކޯޓުގައި އެދި އަމުރު ހޯދީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތަކެއް ހަވީރުގައި ހުރެ، އެ މައުލޫމާތުތައް ފުލުހުންނަށް ފޯރުކޮށްދީފައި ނުވާތީ އެވެ. މިކަމާބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ހަވީރުގެ އަދަދުގައި "ދައުލަތުގެ އިސްވެރިން ބަރަހަނާ ކޮޮށްލައިފި" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން އެ ރިޕޯޓް ލިޔުނު ހަވީރުގެ ދެ ނޫސްވެރިން ކަމަށްވާ އައްޑޫ ސިޓީ، ހިތަދޫ އަބުހަރީގޭ އަހުމަދު ހަމްދޫނާއި ބ. އޭދަފުށީ މަތިހާ އިސްމާއީލް ނަސީރު ހަވީރުގައި ބޭނުން ކުރާ ކޮމްޕިއުޓަރުތައް ބަލައި ފާސް ކުރުމަށެވެ.