29 Apr 2015, 19:45
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމާއި ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ޔޫރަަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފްދަކުން މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި އެ ޕާޓީގެ އިސްވެރިންނާއެކު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ކަމަށް ޕީޕީއެމް އިން ބުންޏެވެ.
އީޔޫގެ ވަފްދާއެކު ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ނާއިބު ލީޑަރު ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ނައިބް ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އާއި ސްޕޯކްސްޕާސަން އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފާއި އަނީސާ އަހުމަދުގެ އިތުރުން މޫސާ ޒަމީރު އެވެ.
ޕީޕީއެމްގެ އިސް ބޭފުޅުންނާއެކު އީޔޫއިން ބައްދަލު ކުރެއްވިއިރު އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް އެ ބައްދަލުވުގައި މަޝްވަރާ ކުރެވުނީ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ.
އެމްޑީޕީގެ އިސް ބޭފުޅުންނާ އީޔޫގެ ވަފްދުން ބައްދަލު ކުރައްވަނީ: ފޮޓޯ/ އީވާ ޓުވީޓާ
ޖުމްހޫރީ ޕާޓީން ބުނީ އެ ޕާޓީއާއެކު އީޔޫގެ ވަފްދެއް ބައްދަލު ކުރައްވާފައިވާ ކަމަށާއި އަދި މަޝްވަރާ ކުރެވެމުން ދިޔައީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ކަމަށެވެ. އެ ބައްދަލުވުގައި އެޕާޓީގެ ކައުންސިލް މެމްބަރުންނާރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ޖުމްހޫރީ ޕާޓީގެ އިސް ފަރާތްތަކާއި އެކު އީޔޫގެ ވަފްދުން ބައްދަލު ކުރައްވަނީ: ފޮޓޯ/ ޖޭޕީ
ޕީޕީއެމްގެ އިސް ފަރާތްތަކާއި އެކު އީޔޫގެ ވަފްދެއް ބައްދަލު ކުރައްވާފައިވާއިރު ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު އެއްވެސް ޝަރުތަކާއި ނުލައި މިނިވަން ކުރުމަށް ގޮވާލައި އީޔޫ އަށް ވަނީ ގަރާރެއް ހުށަހަޅާފައި އެވެ.
އީޔޫއިން ހުށަހެޅި ގަރާރުގައި ދިވެހި ސަރުކާރުގެ ބޭފުޅުންނާއި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުގެ ބޭރުގައިވާ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި ބޭރަށް ދަތުރުކުރުން ހުއްޓުވުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.
މީގެ އިތުރުން އެ ގަރާރުގައި ވަނީ ޝަރުއީ ނިޒާމު މިނިވަން ކުރުމަށާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށާއި އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ގޮވާލާ ކަމަށެވެ.
ރާއްޖޭގައި މިނިވަން ޑިމޮކްރަސީއެއް ހިންގުމަށް ފުރުސަތުދީ އަދި މެދުމިނުގެ މުސްލިމުންނަށް ވެސް ފުރުސަތު އޮންނަށް ޖެހޭ ކަމަށް މި ގަރާރުގައިވެ އެވެ. އަދި ގެއްލިފައިވާ ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމަށް ވެސް ގޮވާލައިފައިވެ އެވެ.