ކައުންސިލުތަކުގެ ރަސްމީ ބޭނުމަށް ކަމަށް ބުނެ އަމިއްލަ ބޭނުންތަކަށް ކައުންސިލަރުން މާލެ އަންނާތީ އެކަން ބަލައި ދިނުމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އުމަރު ނަސީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިވަޑައިގެންފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރު އުމަރު މިއަދުގެ ވަގުތެއްގައި ފޮނުއްވެވި ސިޓީއެއްގައި ވަނީ ރަސްމީ ބޭނުމަށް ކަމަށް ބުނެ އަމިއްލަ ބޭނުމަށް "މިދުވަސްކޮޅު" މާލެ އަންނަ ކަމުގެ މައުލޫމާތު ހޯމް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ.

"މި ދަތުރުތަކުގެ ހަގީގީ ބޭނުމަކީ ސަރުކާރާއި އިދިކޮޅުވެ ސަރުކާރު ގަބޫލު ނުކޮށް ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގުމަށް ސިޔާސީ ބަޔަކު ރާވާ ގައިރު ގާނޫނީ ހަރަކާތެއްގައި ބައިވެރިވުން ކަމަށް ވެސް މި މިނިސްޓްރީ {ހޯމް މިނިސްޓްރީ} އަށް އަންނަނީ މައުލޫމާތު ލިބެމުންނެވެ މިފަދައިން ދަތުރު ކުރުމަށް ކައުންސިލަރުން ދައުލަތުގެ ފައިސާ ހަރަދު ކުރާ ކަމަށް ވަނީ ނަމަ އެކަން ވާނީ އަމިއްލަ ފައިދާއާ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ކުރެވޭ ކަމެއްގެ ގޮތުގައި މި މިނިސްޓްރީ އިން ދެކެމެވެ،" އުމަރުގެ ސިޓީގައިވެ އެވެ.

ސިޓީގައި ބުނެފައި ވަނީ ކައުންސިލް އިދާރާތައް މެދުވެރިކުރައްވާ އެފަދަ ބޭފުޅުން މިދުވަސްވަރު ކުރައްވާ ދަތުރުތަކުގެ މައުލޫމާތު ހޯއްދަވާ ސަރުކާރުގެ ފައިސާ ބޭނުން ކުރައްވާނަމަ ނުވަތަ ޗުއްޓީ ނެގުމެއް ނެތި ދަތުރު ކުރެއްވުން ފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އަޅުއްވާ ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު އޭސީސީގެ ރައީސް ލުތުފީއަށް ސިޓީއެއް ފޮނުވާފައި މިވަނީ އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރުމަށް ރާވާފައިވާ މުޒާހަރާގައި ބައިވެރިވުމަށް އަތޮޅުތަކުން މީހުން އަންނަން ފަށާފައި ވަނިކޮށެވެ.

ހަމައެއާއެކު މިނިވަން 50 ފާހަގަކުރުމާ ބެހޭ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް އދ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވާތީ އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު މިއަދު ވިދާޅުވީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަ ނުވެއްޖެ ނަމަ އދ. އަތޮޅު ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.