29 Apr 2015, 22:13
އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕަރސިބް ބަންޑުން އަތުން ބަލިވެ، ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް އެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ނިއު މިއަދު ޕަރސިބް އަތުން ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު ތާވަލްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް ނިއުއަށް މުބާރާތުގައި އަދި ބާކީ އެއް މެޗު އޮތް ނަމަވެސް، މިއަދު ކުޅުނު ގްރޫޕް 'އެޗް'ގެ ދެވަނަ މެޗުގައި 4-3 ގެ ނަތީޖާއަކުން މިޔަންމާގެ އަޔެވާދީ، ލާއޮސްގެ ލާއޯ ޓޮޔޯޓާ ބަލިކުރުމުން، މުޅިއެކު ނުވަ ޕޮއިންޓާއެކު އެ ޓީމް ވަނީ އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
މިއަދުގެ މެޗުގައި ޕަރސިބަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފްގެ 14 ވަނަ މިނެޓުގައެވެ. ނިއުގެ ޑިފެންސަށް ހެދުނު މިސްޓޭކަކުން ޕަރސިބްގެ ކުޅުންތެރިއަކު އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިން އޭރިއާ ތެރޭ ހުސްކޮށް ހުރެ މުހައްމަދު ރިޞްވާން ކުރިއަށް ފޮނުވާލި ބާރު ޝޮޓު ގޯލްގެ ތެރެއަށް ވަނީ ހުރަސް ދަނޑީގައި ޖެހިފައެވެ.
މެޗުގެ ފުރަތަމަ ކޮޅު ދެ ޓީމްގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް 13 ވަނަ މިނެޓުގައި ނިއުގެ އަހުމަދު ނިޔާޒް އޭރިޔާ ބޭރުން ފޮނުވާލި ބާރު ޝޮޓެއް ބޭރަށް ދިޔައީ ޕަރސިބް ޑިފެންޑަރެއް ގައިގައި ޖެހި ޑިފްލެކްޓް ވުމަށް ފަހު އެވެ. އަދި ޕަރސިބް ނެގި ލީޑާއެކު ނިއު ކުރިއަށް ޖެހިލައި ރަނގަޅު ހަމަލާތަކެއް އުފެއްދިނަމަވެސް، އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތް ނުވެފައެވެ.
މެޗުގެ ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށި ނިއުގެ ބިދޭސީ ފޯވާޑް ވިލިއަމް، 48 ވަނަ މިނެޓުގައި ޕަރސިބް ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ބާރު ޝޮޓެއް ގޯލަށް އަމާޒު ކޮށްލިނަމަވެސް، ޕަރސިބްގެ ކީޕަރު މަޑޭ ވިރަވަން ވަނީ އެ ހަމަލާ ދިފާއު ކޮށްފައެވެ. އަދި ގިނަ ވަގުތު ޕަރސިބް ހާފްތެރޭ ބޯޅަ ގެންގުޅެމުން ދިޔަ ނިއުއަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ވެގެން ދިޔަނަމަވެސް އެ ޓީމަށް ވަނީ އެ ފުރުސަތުތައް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތް ނުވެފައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ފުރުސަތުގައި ނިޔާޒް ޕަރސިބްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އަލީ ފާސިރު (ސެންޓޭ)އަށް ލިބުނު ނަމަވެސް އޭނާއަށް ވަނީ މާ ރަނގަޅަށް އެ ބޯޅަ ކުރިއަށް ފޮނުވާލެވޭ ގޮތް ނުވެފައެވެ. މެޗުގެ ފަހު ވަގުތުކޮޅު ފެނިގެން ދިޔައީ ސެންޓޭއަށް ލިބުނު ރަނގަޅު ދެ ތިން ޗާންސެއް މިސްވެގެން ދިޔަތަނެވެ.
ދެވަނަ ހާފް ނިއު ކޮންޓްރޯލް ކުރި ނަމަވެސް ލީޑު ނެގުމަށް ފަހު ކުޅުމުގެ ސްޕީޑު ދަށްކޮށް ފެނުނު ޕަރސިބް ވަނީ ކައުންޓަރ ތަކުގައި ނިއުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގައި އެ ޓީމްގެ ސުޕަރްދީ ނާސިރު ހުނަރުވެރި ކުޅުމަކާއެކު ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ރަނގަޅު ޝޮޓެއް ކުރިއަށް ފޮނުވާލި ނަމަވެސް އެހަމަލާ ދިޔައީ ނިއުގެ ގޯލް އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑޭ) ވަނީ އޭއެފްސީ މެޗުތަކުގައި ނިއުއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސްކޮޑު ލިމިޓުވުން ކަމަށާއި، އެ މުބާރާތުގައި އޮއްޕޮ ފަދަ ކުޅުންތެރިންނަށް ނުކުޅެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް މުބާރާތުގެ ފަހު މެޗުގައި ލާއޯ ޓޮޔޯޓާއާ ދެކޮޅަށް ނިކުންނާނީ މޮޅުވާން ކަމަށް އަޑޭ ބުންޏެވެ.
"މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ނެތް ނަމަވެސް، އެންމެ ފަހު މެޗުގައި ޓޮޔޯޓާއާ ދެކޮޅަށް ނިކުންނާނީ މޮޅުވާން. އެއީ ރާއްޖޭގެ ފުޓްބޯޅައަށްވެސް ލިބޭ ކުރިއެރުމަކާއި ރީތި ނަމެއް، އަދި އެއީ މި ކްލަބަށްވެސް ލިބޭނެ ހިތްހަމަޖެހުމެއް،" އަޑޭ ބުންޏެވެ.