ސިޔާސީ ބައެއް ފަރާތްތަކުން މެއި މަހުގެ އެއް ވަނަ ދުވަހު މާލޭގައި ބާއްވާ މުޒާހަރާގައި، ބައެއް ބައިވެރިން ނުކުމެ ތަންތަނުގައި ހުޅުޖަހައި ތަންތަނަށް ގެއްލުން ދޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސިޔާސީ އިދިކޮޅު ފަރާތްތައް ގުޅިގެން އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާއަށް ފުލުހުން ތައްޔާރުވެފައިވާ ގޮތާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު މިއަދު ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ސަރުކާރުގެ ބައެއް އޮފީސްތަކަށާއި ސިނާއީ މަސައްކަތް ކުރާ ތަންތަނަށާއި މީޑިއާގެ ފަރާތްތަކަށާއި ސަރުކާރުގެ އިސްވެރިންގެ ގޯތި ގެދޮރަށާއި އަމިއްލަ ރައްޔިތުންގެ މުދަލަށް ގެއްލުންދޭނެ ކަމުގެ މައުލޫމާތު ފުލުހުންނަށް އިތުބާރު ހުރި ގޮތަކަށް ލިބިފައިވާ ކަމަށެވެ. އަދި ބައެއް ތަންތަނުގައި ހުޅުޖެހުމާއި މުޒާހަރާގައި އެކަށީގެންވާ އަދަދަކަށް މީހުން ބައިވެރިވެއްޖެނަމަ ބައެއް މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަން ކުރުމަށް ރާވާފައިވަ ކަމުގެ މައުލޫމާތު ވެސް ވަރަށް އިތުބާރު ހުރި ގޮތަކަށް ލިބިފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.

"ބައެއް ތަންތަނުގައި ހުޅުޖެހުމާއި މުޒާހަރާގައި އެކަށީގެންވާ އަދަދަކަށް މީހުން ބައިވެރިވެއްޖެނަމަ ބައެއް މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަން ކުރުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް އިތުބާރު ހުރި ގޮތަކަށް ވަނީ ލިބިފައި،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ހުކުރު ދުވަހު ކުރާ މުޒާހަރާގައި ތަންތަނުގެ ހުޅުޖެހުމުގެ ހަރަކާތްތަކެއް ރާވާފައިވާއިރު، ދާދިމިދާކަށް ދުވަހު ހިނގާދިޔަ ހުޅުޖެހުމުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތައް އަދިވެސް ފޫބެއްދިފައިނުވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މުޒާހަރާގައި ގެއްލުން ދިނުމުގެ ހަރަކާތެއް ހިންގާނާމަ ގާނޫނީ އިމުގެ ތެރެއިން ފިޔވަޅު އަޅާނެ ކަމަށާއި އެފަދަ ކަމެއް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ނަވާޒު ވިދާޅުވީ ސިޔާސީ ކަންކަމާއި ގުޅިގެން ރަށުތެރޭ ހަމަނުޖެހުން ނަގާލައި މުދަލަށް ގެއްލުންދީ ހަދާނަމަ މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލާނީ ޒީރޯޓޮލަރެންސްގައި ކަމަށެވެ. އެފަދަ ހާލަތުގައި ފުލުހުން ކަންކުރާނީ ވަކިފަރާތަކަށް ވަކި ގޮތަކަށް ބެލުމެއް ނެތި ކަމަށް ނަވާޒު ވިދާޅުވި އެވެ.

"ސިޔާސީ ކަންކަމާއި ގުޅިގެން ރަށުތެރޭގައި ހަމަޖެހުން ނަގާލައި މުދަކަށް ގެއްލުންދިނުންފަދަ ކަންކަމާއި ފުލުހުން ކުރިމަތިލާނީ ޒީރޯޓޮލަރެންސްގައި،" ނަވާޒު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މުޒާހަރާގެ ބައެއް ބައިވެރިންގެ ވާހަކަތައް ހުރީ ކުށްކުރުމަށް ހިތްވަރު ލިބޭގޮތަށް ކަމަށާއި އަދި މުޒާހަރާގައި ކުށްކުރުމަށް ބޭނުންކުރާނެ ފަދަ އެއްޗެހި ބޭނުންކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ފުލުހުންނަށް ހަމަލަދިނުމަށް ތިމަރަބަރި އާއި ދަގަނޑުރޮޑު ތައްޔާރުކޮށް މިރުސްފެނާއި އެހެނިހެން އެހެނިހެން ބައެއް ސާމާނު ހޯދާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.

"މޭ އެކެއްގައި ކުރާ މުޒާހަރަގައި ބައެއް ތަކެތި ބޭނުންކުރުމަށް ރާވަފައިވާއިރު، ފުލުހުން ބޭނުން ކުރާ ޝީލްޑްތައް ބޭނުންނުކުރެވޭ ގޮތަށް ވެސް ރާވާފައިވާ ކަމަށެވެ. އެގޮތުން ތިމަރަބަރި އާއި ދަގަނޑުރޮޑު ތައްޔާރު ކުރަމުން އެބަދޭ. މީގެ އިތުރުން ވެސް މިރުސްފެނާއި އެހެނިހެން ބައެއް ސާމާނު ވެސް ހޯދައި އެކަންތައްތައް ވެސް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވޭ،" ނަވާޒު ވިދާޅުވި އެވެ.