މައުލޫމާތެއް ސާފުކުރަން ކަމަށް ބުނެ މިއަދު އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އިމިގްރޭޝަނަށް ހާޒިރުމަށް އެނގުމަށް ފަހު، ވަގުތުން އެކަން ބާތިލުކޮށްފި އެވެ.

އިމިގްރޭޝަނަށް ހާޒިރުވުމަށް އިމްރާނަށް އަންގާފައި ވަނީ މިއަދު ހަވީރު 4 ޖަހާއިރަށެވެ.

އިމްރާން މިއަދު ވެލޭނާގޭ ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިމިގްރޭޝަނުން އެންގި އެންގުން ބާތިލްކުރީ ޕާސްޕޯޓް ހިފައިގެން އެތަނަށް ދިއުމަށް ކާރަށް އެރިފަހުން ކަމަށެވެ. ނަމަވެސް އެ ތަނަށް ހާޒިރުވާން އެންގި ސަބަބެއް އެނގިވަޑައި ނުގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިމިގްރޭޝަނަށް ހާޒިރުވާން އެނގި މީހާ ހަމަ ގުޅާފައި އެންގީ ދެން އެންމެ ރަނގަޅު ކަމަށް ހާޒިރު ނުވިޔަސް. އޭރު އަޅުގަނޑު އެތަނަށް ދާން ކާރަަށް ވެސް އަރައިފިން، އަޅުގަނޑުނޯންނާނެ އިމިގްރޭޝަނަށް ހާޒިރުކުރަން ޖެހޭ ވަރުކަމެއް ކޮށްފައެއް،" އިމްރާން ވިދާޅުވި އެވެ.

އިމިގްރޭޝަނަށް އިމްރާން ހާޒިރުވާން އެނގީ މައުލޫމާތެއް ސާފުކުރުމަށް ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެ އެވެ.

އިމިގްރޭޝަނަށް އިމްރާން ހާޒިރުކުރަން އެންގި އިރު މިފަހަކަށް އައިސް އިމްރާން ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބާއްވަމުންގެންދާ އެއްވުންތަކުގެ އިސްސަފުގައި ހުންނަވައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިިދާޅުވަމުންނެވެ.