29 Apr 2015, 16:28
ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު އެއްވެސް ޝަރުތަކާއި ނުލައި މިނިވަން ކުރުމަށް ގޮވާލައި ޔޫރަޕުން ޔުނިއަން އަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިހާރު ކުރިއަށްދާ ޔޫރަޕިއަން ޔުނިއަންގެ ޕާލިމެންޓްގެ އެޖެންޑާގައި ވަނީ އެ ގަރާރަށް މަޝްވަރާ ކުރުމަށް ހިމަނައިފަ އެވެ.
ްއެ ގަރާރު އީޔޫ ޕާލަމެންޓަށް ހުށަހެޅީ، ޔޫރަޕިއަން ކޮންޒަވޭޓިވް އެންޑް ރިފޯމިސްޓް ގްރޫޕުންނެވެ.
ދިވެހި ސަރުކާރުގެ ބޭފުޅުންނާއި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުގެ ބޭރުގައިވާ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި ބޭރަށް ދަތުރުކުރުން ހުއްޓުވުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.
މީގެ އިތުރުން އެގަރާރުގައި ވަނީ ޝަރުއީ ނިޒާމު މިނިވަން ކުރުމަށާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށާއި އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ގޮވާލާ ކަމަށެވެ.
އަދި ރާއްޖޭގައި މިނިވަން ޑިމޮކްރަސީއެއް ހިންގުމަށް ފުރުސަތުދީ އަދި މެދުމިނުގެ މުސްލިމުންނަށް ވެސް ފުރުސަތު އޮންނަށް ޖެހޭ ކަމަށް މި ގަރާރުގައިވެ އެވެ. އަދި ގެއްލިފައިވާ ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމަށް ވެސް ގޮވާލައިފައިވެ އެވެ.